ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) މިއަދު ބުނެފިއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އިއްޔެއިން ފެށިގެން އަލިވާނެ ކަމަށް މީގެކުރިން ލަފާކުރިނަމަވެސް، އަދިވެސް ވިއްސާރަ އަލިނުވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ކުރިއަށް އޮތް ފަސް ދުވަހުގެ މޫސުން ލަފާކުރާ ގޮތުގައި ރާއްޖޭގެ އުތުރުގެ ރަށްތަކަށް ކެރީގެ އަސަރުކުރި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އުތުރަށް މޫސުން އަލިވާން ފަށާނެއެވެ، ނަމަވެސް މެދުރާއްޖެތެރެއާއި ދެކުނުގެ ރަށްތަކަށް އަދިވެސް ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
އެގޮތުން އެ އިދާރާއިން މިއަދުގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވެއެވެ. މީގެ އިތުރުން، ވައިޖެހޭނެކަމަށް އެ އިދާރާއިން މިއަދުގެ މޫސުން ލަފާކޮށްފައިވަނީ، އުތުރުގެ އަތޮޅުތަކަށް ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައި އަދި މެދުރާއްޖެތެރޭގެ އިތުރުން ދެކުނުގެ އަތޮޅުތަކަށް އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ގަދަވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
އުތުރުގެ އަތޮޅުތަކަށް އާދައިގެވަރަކަށް ކަނޑު މަޑުވިނަމަވެސް އެހެން ހިސާބުތަކަށް އާދައިގެވަރަކަށް ކަނޑުގަދަވެފައި، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެކަމަށް މެޓުން ލަފާކުރެއެވެ.




