ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ)ގެ ސީޕްލޭނެއް ޑޮކްގައި ޖެހި ހިނގި އެކްސިޑެންޓު ތަހުގީގު ކުރަމުން އަންނަ ކަމަށާއި މައުލޫމާތު ކަށަވަރުވަމުންދާ މިންވަރަކުން އިތުރު ތަފްސީލު ހާމަކުރާނެ ކަމަށް ޓްރާންސްޕޯޓު ސޭފްޓީ ބޯޑު (އެމްޓީއެސްބީ) އިން މިއަދު ބުނެފިއެވެ.
ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ޓްރާންސްޕޯޓު ސޭފްޓީ ބޯޑުން މިހެން ބުނީ، އިއްޔެގެ އެ ހާދިސާއާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނީ ސީޕްލޭން ޑޮކްގައި ޖެހި ހިނގި ހާދިސާގައި ކެބިން އެޓެންޑެންޓަކަށް އަނިޔަވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި އެހެން އިތުރު މީހަކަށް އެ ހާދިސާގައި އަނިޔާ ނުވާ ކަމަށް ވެސް ބުންޏެވެ.
ޓްރާންސްޕޯޓު ސޭފްޓީ ބޯޑުން ބުނީ އިއްޔެގެ ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށާއި މައުލޫމާތު ކަށަވަރުވާ މިންވަރަކުން އިތުރު ތަފްސީލު ހާމަކުރާނެ ކަމަށެވެ.
އެ ހާދިސާގެ ވީޑިއޯ އާއި ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އެ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަނީ ބޯޓެއްގެ ކަނދު ބިންދައިގެން ގޮސް އެއްފަރާތަކަށް އަރިއަޅާލާފައިވާތަނެވެ. އެ ހާދިސާގައި އަނިޔާވި ކްރޫއަށް ޓްރީޓޮޕްގައި ފަރުވާ ދެމުން އަންނަ ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.


