މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް އެކްސްޕޯގައި ބައިވެރިކުރި ނަން މަޝްހޫރު ”ބާބާ ގާޑިޔާ“ ގެ މަސްއޫލުވެރިޔާ ހަސަން އަތީގު (ބާބާ) އަށް ހާޓް އެޓޭކެއް ޖެހި، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދާން އާންމުންގެ އެހީއަށް އެދިއްޖެއެވެ.
”ބާބާ“ ގެ ނަމުން އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ އަތީގުއަށް ހާޓް އެޓޭކެއް ޖެހުނީ މިދިޔަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު، އޭނާގެ އުފަން ރަށް ކަމަށްވާ ފުވައްމުލަކުގައި ހުއްޓައެވެ. އޭނާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސް ފަހުން ފަރުވާ ދިނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައެވެ.
ސޯޝަލް މީޑިއާގައި ”ބާބާ ގާޑިޔާ“ އަމިއްލަ ނަމުގައި އަތީގު ކުރި ފުރަތަމަ ޕޯސްޓުގައި އޭނާވަނީ އޭނާގެ ސިއްހީ ހާލަތު ބަޔާންކޮށްދީ، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ޖެހޭދީ އެކަމަށްޓަކައި އާންމުންގެ ދީލަތި އެހީއަށް އެދިފައެވެ.
އެގޮތުން އަތީގު ބުނީ އިތުރު ފަރުވާއަށް މާލެ ގެނައިފަހުން މިހާތަނަށް އޭނާގެ ހިތުގެ ދެ އެންޖިއޯގްރާމް ހަދާފައިވާ ކަމަށެވެ. އަދި އެންޖިއޯގްރާމް އަށްފަހު އޭނާގެ މެޔަށާއި ކަރުގެ ދެފަރާތުން ނާރު ދުޅަވެ ރިއްސާތީ ރޭގަނޑު ހަމަނިދި ނުލިބޭ ކަމަށް ވެސް އަތީގު ބުންޏެވެ.
މީގެއިތުރުން، ހާޓްއެޓޭކް ޖެހުނު ފަހުން އޭނާގެ ކަރުގެ ދެފަރާތުގެ ނާރު ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށާއި ނާރު ދުޅަވެ ރިއްސާތީ އައިޖީއެމްއެޗަށް ދާ ކޮންމެ ފަހަރަކު އިމަޖެންސީ ރޫމްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ ކަމަށް ވެސް އަތީގް އޭނާގެ ބުނެފައިވެއެވެ.
”ޑޮކްޓަރު ބަލާފައި އެކިއެކި ޓެސްޓްތައް އެބަ ހަދަ އެވެ. އެހެނިހެން ދާއިރާގެ ޑޮކްޓަރުންނަށް ދައްކަން ބުނެގެން އީއެންޓީ، ނިއުރޯ، ކާޑިއޯ ޑޮކްޓަރަށް ދައްކައިގެން ވެސް އަސްލު ދިމާވެގެން އުޅޭ މައްސަލައެއް އެއްވެސް ބަޔަކަށް ކިޔައި ނުދެވެއެވެ.“ އަތީގު އޭނާގެ ޕޯސްޓުގައި ބުނެފައިވެއެވެ.
މީގެއިތުރުން އަތީގު ބުނީ، އޭނާގެ ބައްޔަށް އެއްވެސް ލުޔެއް ނުލިބޭތީ ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް އާސަންދަ ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް، އޭނާއަކީ ދިރިއުޅުމަށް އަމިއްލަ މަސައްކަތް ކުރަމުން އައި މީހަކަށް ވެފައި، ބަލިވުމާ ގުޅިގެން ގާޑިޔަލުގެ ވިޔަފާރި ހުއްޓިފައިވާތީ މިވަގުތު އާމްދަނީ ލިބޭނެ އިތުރު އެއްވެސް މަގެއް ނެތް ކަމަށެވެ. އެހެންކަމުން އޭނާވަނީ އާންމުންގެ ދީލަތި އެހީއަށް އެދިފައެވެ.
”އެމީހަކަށް ދެވުނު އެއްޗެއް ދިނުމުން އަޅުގަނޑަށް ފުދޭނެ އެވެ.“ އަތީގު ބުނެފައިވެއެވެ.
އަތީގަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް ތިރީގައިވާ އޭނާގެ ޢެކައުންޓް ނަމްބަރުތަކަށް ފައިސާ ފޮނުވޭނެއެވެ.
ހަސަން އަތީގް، ބީއެމްއެލް: 7703234441101
ހަސަން އަތީގް، އެމްއައިބީ: 90603100669081001
ރިސޯޓުތަކުގެ ފުޑް އެންޑް ބެވަރޭޖުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރުމަށް ފަހު، ދަމާ ގާޑިޔަލެއްގައި އަތީގު ކާ އެއްޗެހި ވިއްކަން ފެށީ ކޮވިޑާ ހެދި 2020 ވަނަ އަހަރު ރިސޯޓު ބަންދުކުރުމުންނެވެ. އެ ދަތި ދުވަސްވަރު ޓްރަކް ގަތީ ވެސް އަތުގައި ރައްކާކޮށްފައި ހުރި ފައިސާއިންކަން އެނގިފައިވެއެވެ.




1 Comment
އެސްފިންނާ އަދި ހަސަދަ. ހަމަ ޔަޤީން،