ދީވާލީ ފާހަގަކުރުމުގެ ގޮތުން ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ޚާން އެޅި ފަށު ފުލެއްގައި އާޔަތުލް ކުރުސީ ލިޔެފައި ހުރުމުން، މުސްލިމުންގެ ދީނީ އިހުސާސްތަކަށް އިހުތިރާމް ކުޑަކުރި ކަމަށް ބުނެ އޭނާއަށް ގާނޫނީ ނޯޓިސް ފޮނުވައިފިއެވެ.
މި ނޯޓިސް ފޮނުވާފައިވަނީ އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ކޮންގްރެސް ތަރުޖަމާނު އައްބާސް ހަފީޒެވެ.
އޭނާ މި ނޯޓިސް ފޮނުވާފައިވަނީ ކަރީނާގެ އިތުރުން އޭނާގެ ސްޓައިލިސްޓް ރިއާ ކަޕޫރަށެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ ދީވާލީއާ ގުޅިގެން ކަރީނާ ސޯޝަލް މީޑިއާގައި ހިއްސާކުރި ފޮޓޯތަކެއްގައި އޭނާ އަޅައިގެން ހުރި ފަށު ފުލެއްގެ ސަބަބުންނެވެ. އެ ފަށު ފުލުގައި ކީރިތި ގުރުއާނުގެ އާޔަތެއް ކަމަށްވާ، އާޔަތުލް ކުރުސީ ލިޔެފައިވާތީ ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އޭނާއަށް އަމާޒުވެފައެވެ.
އިންޑިއާ ޓުޑޭއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އައްބާސް ހަފީޒް ފޮނުވި ގާނޫނީ ނޯޓިސްގައި ވަނީ އެ ފަށު ފޫ އަޅައިގެން ނަގާފައިވާ ހުރިހާ ފޮޓޯތަކެއް ސޯޝަލް މީޑިއާއިން ވަގުތުން ނެގުމަށް ޑިމާންޑް ކޮށްފައެވެ. އަދި މި އަމަލުގެ ސަބަބުން މުސްލިމުންގެ ދީނީ ޝުއޫރުތަކަށް ބޮޑު ހުރަހެއް އެޅިފައިވާތީ، ކަރީނާ އާންމުކޮށް ރަސްމީކޮށް މާފަށް އެދެން ޖެހޭނެ ކަމަށް ވެސް އެ ނޯޓިސްގައި ފާހަގަކޮށްފައިވެއެވެ.
ބޮލީވުޑްގައި އެންމެ ނުފޫޒުގަދަ އަދި އެންމެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އެއް ބަތަލާ ކަމަށްވާ ކަރީނާގެ ފެޝަން އަދި ސްޓައިލްތަކަށް އަބަދުވެސް އާންމުންގެ ބޮޑު ސަމާލުކަމެއް ލިބެމުން އާދެއެވެ. ނަމަވެސް މިފަހަރުގެ ދީވާލީ ހެދުމާއެކު ބޭނުންކުރި ގަހަނާގެ ސަބަބުން އޭނާ މިވަނީ ބޮޑު މައްސަލައެއްގެ ތެރެއަށް ވެއްޓިފައެވެ.
މި މައްސަލައާ ގުޅިގެން ކަރީނާ ކަޕޫރު ނުވަތަ އޭނާގެ ސްޓައިލިސްޓް ރިއާ ކަޕޫރު ވެސް އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.




