ބަޙްރައިންގައި ހުންނަ އެމެރިކާގެ އަސްކަރީ އިންޒާރުދޭ ރާޑަރަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާއެއް ދީފައިވާކަމަށް އީރާނުގެ އިސްލާމީ އިންގިލާބީ ލަޝްކަރު (އައިއާރްޖީސީ) އިން ބުނެފިއެވެ.
މިއީ ސެޕްޓެންބަރު މަހުގެ ކުރީކޮޅަށް ފަހު، ގަލްފުގެ ޤައުމެއްގައި ޤާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ ވަސީލަތަކަށް ހަމަލާދިންކަމަށް އެ ލަޝްކަރުން ހާމަކުރި ފުރަތަމަ ފަހަރެވެ.
އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާއަކީ އީރާނުގެ ދެކުނުގައި އޮންނަ ހުރުމުޒުގާން ޕްރޮވިންސްގެ ސީރީކް ސަރަޙައްދުގައި ހުރި މުވާސަލާތީ ޓަވަރަކަށް ދިން ވައިގެ ހަމަލާގެ ބަދަލުހިފުމުގެ ގޮތުން ދިން ރައްދު ހަމަލާއެކެވެ. ނަމަވެސް، މި ހާދިސާއާ ގުޅިގެން އެމެރިކާގެ އަސްކަރިއްޔާއިން ނުވަތަ ބަޙްރައިންގެ ސަރުކާރުން އަދި މިހާތަނަށް ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ދެ ޤައުމުގެ ދެމެދުގައި ހަނގުރާމަ ފެށިގެން ދިޔައީ ފެބުރުވަރީ 28 ގައި އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. އޭގެ ފަހުން މި ހަމަނުޖެހުންތައް މުޅި މެދުއިރުމައްޗަށް ވަނީ ފުޅާވެގެން ގޮސްފައެވެ.
ހަނގުރާމައިގެ ތެރޭގައި އީރާނުން ވަނީ ގަލްފުގެ އެކި ޤައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވާލާފައެވެ. މީގެ އިތުރުން ދުނިޔޭގެ ތެލާއި ގޭސް އުފުލާ މައި މަގެއް ކަމަށްވާ ހުރުމުޒު ކަނޑުއޮޅިން އާގުބޯޓުފަހަރު ދަތުރުކުރުމަށް ހުރަސްއެޅުމުގެ މަސައްކަތް އީރާނުން ކޮށްފައިވާއިރު، އޭގެ ރައްދުގައި އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތައް ކަނޑުމަގުން ބަންދުކޮށްފައެވެ.




