ރިޔާޟަށާއި އިރުމަތީ ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ޑްރޯން ހަމަލާތަކެއް ދިފާއީ ބާރުތަކުން ވައްޓާލާފައިވާ ކަމަށް ސަޢުދީ އިސްވެ އޮންނަ އިއްތިހާދުން ބުނެފިއެވެ.
މި ހަމަލާތަކުގެ ޒިންމާ އުފުލައި ޙޫޘީންގެ އަސްކަރީ ތަރުޖަމާނު ބުނީ، ސަޢުދީގެ ”އީސްޓް-ވެސްޓް“ ތެޔޮ ހޮޅީގެ ޕަމްޕިންގ ސްޓޭޝަނަކަށާއި، ރަތް ކަނޑުގެ އައްސޭރީގައިވާ ޔަންބޫގެ ތެޔޮ މަރުކަޒުގެ އިތުރުން ރިޔާޟުގައި ހުންނަ ސަޢުދީގެ ދައުލަތުގެ ތެޔޮ ކުންފުނި އަރަމްކޯގެ އިމާރާތަކަށް ޑްރޯން ހަމަލާތައް އަމާޒުކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން ޝަރޫރާ ވައިގެ ބަނދަރުގައި އޮތް އަސްކަރީ މަތިންދާބޯޓަކަށާއި އިތުރު އަސްކަރީ ވައިގެ ބަނދަރަކަށް ވެސް ހަމަލާދިން ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، މައްކާގެ ސަރަހައްދަށް ބެލިސްޓިކް މިސައިލް ހަމަލާއެއް ދިން ކަމަށް ބުނެ ސަޢުދީން ކުރާ ތުހުމަތުތައް ޙޫޘީން ވަނީ ދޮގުކޮށްފައެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ކުރިމަތިލުންތަކާ ގުޅިގެން ހުރްމުޒް ކަނޑުއޮޅިން ތެޔޮ އުފުލުމަށް ހުރަސްއެޅިފައިވާ މި ދަނޑިވަޅުގައި، ދުނިޔޭގެ ތެލުގެ ބާޒާރަށް ނެރޭ ތެލުގެ 4 އިންސައްތަ (ދުވާލަކު 4 މިލިއަން ފީފާގެ ތެޔޮ) ސަޢުދީން އަންނަނީ ”އީސްޓް-ވެސްޓް“ ހޮޅި މެދުވެރިކޮށް ޔަންބޫ ބަނދަރަށް ސަޕްލައި ކުރަމުންނެވެ. މި އިންތިޒާމުގެ ސަބަބުން، ހުރްމުޒް ކަނޑުއޮޅި ބަންދުވުމުން ކުރިމަތިވެފައިވާ އިގްތިސާދީ ބޮޑު ގެއްލުމުން ސަޢުދީއަށް ވަނީ ރައްކާތެރިކަމެއް ލިބިފައެވެ.
މި ހަމަލާތަކާ ގުޅިގެން އދގެ ސަލާމަތީ މަޖިލީހުން ވަނީ ޙޫޘީންނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މުއްދަތު އިތުރު އެއް އަހަރަށް ދަންމާލުމަށް އިއްތިފާގުން ފާސްކޮށްފައެވެ. އެ މަޖިލީހުން ފާސްކުރި ގަރާރުގައި، ޙޫޘީން ސަޢުދީއަށް ދެމުންދާ ހަމަލާތަކާއި ވިޔަފާރި އުޅަނދުފަހަރަށް ކުރިމަތިކުރާ ނުރައްކާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ސުލްހަވެރި މަޝްވަރާތަކުގެ ތެރެއިން މައްސަލަތައް ހައްލުކުރުމަށް ވަނީ ގޮވާލައިފައެވެ.
މީގެއިތުރުން، ޙޫޘީންނަކީ ނިރުބަވެރި ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުމަށް ސަޢުދީން، ވިލާތުގެ އިއްތިހާދު (އީޔޫ) އަށް ބާރުއަޅަމުން ދިޔަ ނަމަވެސް، އެފަދަ ނިންމުމެއްގެ ސަބަބުން ސުލްހައިގެ ވާހަކަތަކަށް ބުރޫއަރައިފާނެތީ އީޔޫން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
2022 ވަނަ އަހަރު ހަނގުރާމަ ހުއްޓާލުމަށް ވެވުނު އެއްބަސްވުމަށްފަހު ލިބުނު ހަމަޖެހުން ނިމުމަކަށް އައިސް، މި އަހަރުގެ ކުރީކޮޅު ހަމަނުޖެހުންތައް އަލުން އިތުރުވުމާ ގުޅިގެން، ބާބުލް މަންދަބު ކަނޑުއޮޅީގެ ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
އދގެ އިންސާނީ އެހީތެރިކަމާ ބެހޭ އިދާރާ (އޯޗާ) އިން ބުނާ ގޮތުގައި، މިދިޔަ އޮގަސްޓް މަހުން ފެށިގެން މިހާތަނަށް ޔަމަނުގެ 333,000 އަށްވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލި، ހާލުގައި ޖެހިފައެވެ.



