ޤައުމީ ފެންވަރުގައި އިޙުތިރާމު އަދާކުރުމުގެ ގައުމީ ކެމްޕޭން ފެށުމަށް ބާއްވާ ރަސްމިއްޔާތަށް ފަހު މިރޭ ހަވާއެރުވުން އޮންނާނެކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެފިއެވެ.
ޤައުމީ ފެންވަރުގައި އިޙުތިރާމު އަދާކުރުމުގެ ގައުމީ ކެމްޕޭން ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ މާފަންނު ޓްރެކް ސަރަޙައްދުގައެވެ.
އެ މިނިސްޓްރީން ބުނީ މާފަންނު ޓްރެކް ސަރަޙައްދުގައި ކުރިއަށްގެންދާ މި ރަސްމިއްޔާތަށްފަހު ހަވާ އަރުވުން އޮންނާނީ މިރޭ 09:40 އާއި 10:30 އާ ދެމެދު 3 މިނެޓުގެ ވަގުތޮކޮޅަކަށް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު އިފުތިތާޙުކޮށްދެއްވާ އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ މަޤުޞަދަކީ މުޖުތަމަޢުގެ އެކި ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި އެކަކު އަނެކަކަށް ގަދަރާއި އިހުތިރާމްކުރުމުގެ ރީތި ސިފަ ދިވެހިންގެ ހިތްތަކުގައި އަލުން އަށަގެންނެވުމެވެ. ޚާއްޞަކޮށް ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި މި އާދަ ހަރުދަނާކުރުމެވެ.
ދިވެހިންގެ ތެރެއިން ނެތެމުންދާ ރީތި އާދަ، އިޙްތިރާމް ކުރުން އަށަގެންނެވުމަށް ޤައުމީ ކެމްޕެއިނެއް ފެށުމަށް ރައީސް މުޢިއްޒު ނިންމަވާފައިވަނީ ދިވެހިންގެ އައިޑެންޓިޓީ ހިފެހެއްޓުމަށް ދެއްވާ އިސްކަމުގެ ތެރެއިންނެވެ.



