މާލެތެރެއަށް ފުޅާދާއިރާއެއްގައި ބަނގުރާ ފޯރުކޮށްދީ، އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހ. ކަރޯގެ / މުޙައްމަދު ރަޝްވާން އައްބާސް (53އ.) އިތުރު 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ހ. މާދޫގޭގައި ހިންގާ އޮފީހެއްގައި ބަނގުރާ ރައްކާކޮށް، އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ރަޝްވާން ހައްޔަރުކުރީ މިދިޔަ އޮކްޓޯބަރު މަހުގައެވެ.
އޭނާ ބަންދުގައި ބަހައްޓަން ކޯޓުން ދެވަނަ ފަހަރަށް ދިން މުއްދަތު ހަމަވުމުން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިތުރު 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. އެ މުއްދަތު ހަމަވާނީ މި މަހުގެ 28 ވަނަ ދުވަހަށެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ ރަޝްވާން ބަންދުކުރީ، އޭނާ ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށެވެ.
މި މައްސަލައިގެ ޝަރީއަތުގައި ދައުލަތުގެ ވަކީލުން ވަނީ އިންތިޒާމުވެގެން ބިދޭސީން ނިވާފަތްގަނޑަކަށް ލައިގެން ފުޅާދާއިރާއެއްގައި ބަނގުރާ ވިއްކުމުގައި އިސް މީހަކީ ރަޝްވާން ކަމަށް ކޯޓުގައި ބުނެފަ އެވެ. ނަމަވެސް، އެއީ ޖިނާއީ ކުޑަ މައްސަލައެއް ކަމަށް ބުނެ، އެކަށީގެންވާ މުއްދަތަކަށް މިހާތަނަށް ބަންދު ކޮށްފައި ހުރުމުން އޭނާ ދޫކޮށްލަން ދިފާއީ ވަކީލުން އެދުނެވެ.



