ރާއްޖޭގެ ޕެންޝަން ފަންޑުގައި ހުރި މިންވަރު މި އަހަރު 30 ބިލިއަން ރުފިޔާ ފަހަނައަޅައިފައިވާ ކަމަށް ޕެންޝަން އޮފީހުގެ ސީއީއޯ ޔަޒްމީދު މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
”މޯލްޑިވްސް ފައިނޭންސް“ ގެ 13ވަނަ ފޯރަމް ހުޅުވުމުގެ ގޮތުން ދެއްވި ތަގްރީރުގައި ޔަޒްމީދު ވަނީ ޕެންޝަން ފަންޑުގެ ދިގު މުއްދަތުގެ ކުރިއެރުމާއި މެންބަރުންގެ ރިޓަޔާމަންޓުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ގައުމުގެ އިގްތިސާދުގެ ވިލުންވެރިކަން ވަރުގަދަކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވާފައެވެ.
އެގޮތުން އޭނާ ވިދާޅުވީ، ނިމުނު ސެޕްޓެމްބަރު މަހުގެ 30ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފަންޑުގެ ދަށުން މެނޭޖްކުރާ ޖުމްލަ އެސެޓްސްގެ އަގަކީ މިހާރު 30.3 ބިލިއަން ރުފިޔާއެވެ. އަދި ރާއްޖޭގެ ރިޓަޔާމަންޓް ޕެންޝަން ސްކީމުގައި 204،549 މީހުން ބައިވެރިވެފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
”މިއަދު އަހަރެމެން ނިންމާ ނިންމުންތަކުން ސީދާ ކަނޑައަޅާނީ ދުރު މުސްތަގުބަލުގައި އަހަރެމެންގެ މެމްބަރުންނާއި ޕެންޝަނަރުންގެ މާލީ ރައްކާތެރިކަން،“ ޔަޒްމީދު ވިދާޅުވިއެވެ.
ޕެންޝަން އޮފީހުން އެންމެ އިސްކަމެއް ދެނީ ރާއްޖޭގައި ކުރެވޭ އިންވެސްޓްމަންޓްތައް ސިންދަފާތުކޮށް، އެންމެ ފައިދާހުރި ގޮތުގައި ޕޯޓްފޯލިއޯ އެކުލަވައިލުމާއެކު ދުރުރާސްތާގެ ވިލުންވެރިކަން ކަށަވަރުކުރުން ކަމަށް ޔަޒްމީދު ވިދާޅުވިއެވެ. އަދި އީއެސްޖީ މިންގަނޑުތަކަށް ފެތޭ މަޝްރޫއުތަކާއި، ކްލައިމެޓް ފައިނޭންސިންއަށް މަގުފަހިވާނެ އައު ފުރުސަތުތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.



