ރަސްމާލެ މަޝްރޫއު ޔޫއޭއީގެ އީގަލް ހިލްސްއަށް ދިނުމާ ދެކޮޅަށް ރޭ ބޭއްވި އެއްވުމުގައި ފެނުނީ، އިދިކޮޅުން ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލައި، 2028 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިން ލޯންޗުކުރި މަންޒަރު ކަމަށް ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ އެއް ނައިބު ރައީސެއް ވެސް ކަމަށްވާ ޝިޔާމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގައުމީ ކަމެއް ނަމަ އޭނާ ވެސް އެންމެ ކުރީގައި ހުންނަވާނެ ކަމަށާއި ނަމަވެސް ރޭ ފެނުނީ ވާދަވެރި ސިޔާސީ ޕާޓީތަކުން ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލައި، 2028 ގެ ކެންޕެއިން ހަރަކާތް ލޯންޗުކުރި މަންޒަރު ކަމަށެވެ.
އެއީ ޒިންމާދާރު ސިޔާސީ ޕާޓީތަކުން ކުރާ ޒާތުގެ ކަމެއް ނޫން ކަމަށް ސިފަކުރައްވާ މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަކީ ފަސް އަހަރުގެ ދައުރެއްގައި ދީނީ ކަންކަމަށް އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެއްވައިގެން، ގައުމީވަންތަ ސިފަ އެންމެ ބޮޑަށް ފެންނަ ވެެރިކަމެއް ކުރައްވާ ރައީސް ކަމަށެވެ.
”ރާއްޖޭގެ ވެެރިކަން މީގެ ކުރިން ކުރެއްވި އެހެން ގިނަ ވެެރިންނާ ޚިލާފަށް ރައީސް ޑރ. މުޢިއްޒަކީ ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް އިޒުރޭލުން ހިންގާ ލާއިންސާނީ ޢަމަލުތައް ކުއްވެރިކޮށް، ރާއްޖެއާއި ބޭރު ދުނިޔޭގައި ފާޅުގައި ކެރިގެން އެންމެ ބާރަށް ވަކާލާތުކުރައްވާ އަދި މަޢުނަވީ ގޮތެއްގައި އެންމެ ބޮޑު އިޙުތިޖާޖެއް ކުރައްވަމުން ގެންދަވާ ރައީސްކަން ޔަޤީން.“ ޝިޔާމް ލިޔުއްވާފައިވެއެ.
ފިޝަރީޒް މިނިސްޓަރު ވަނީ ރައްޔިތުން އިލްތިޒާމު އުފުލަން ޖެހޭ ރާއްޖޭގެ މިނިވަންކަމާ ސިޔާދަތާގުޅޭ ކަންކަން ”މީގެ ކުރިން ރައްޔިތުން ކުރެން އަހާނުލާ، ރައްޔިތުންގެ މަޖިލީހަށްވެސް އަންގާނުލާ ކުރައްވައިގެން“ ތިއްބެވި ބޭފުޅުން މިއަދު ގައުމާއި މިނިވަންކަމާއި ސިޔާދަތާއި ދީނުގެ ވާހަކަ ދެއްކި ނަމަވެސް ރައްޔިތުންނަށް އެ ބޭބޭފުޅުންގެ ސިޔާސީ ފަތިފުށްތަކާއި ނިޔަތް ވަރަށް ސާފު ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރު ވަނީ އެ ބޭފުޅުން ހާސިލްކުރައްވަން ބޭނުންވަނީ ހަމައެކަނި ސިޔާސީ މަގްސަދު ކަމަށް ތުހުމަތުކުރައްވާފައެވެ.
އާޓިފިޝަލް ބީޗުގައި ”ގައުމީ ހަރަކާތް“އިން އިންތިޒާމުކޮށްގެން ރޭ ބޭއްވި ”ދިވެހީންގެ ބިން ދިވެހިންނަށް“ އެއްވުމުގައި، ކުރީގެ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރެއިން ޔާމީނާއި ފައިސަލްއަކީ ކުރިއަަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ދެ ބޭފުޅުންނެވެ.



