ޓެކްސް ނުދައްކާ ފަރާތްތަކުގެ ބޭންކް އެކައުންޓް ފްރީޒްކޮށްގެން 10 މިލިއަން ރުފިޔާ ހޯދިފައިވާކަން ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިދިޔަ ހަފްތާގައި މީރާއިން އާންމުކޮށްފައިވާ އޮކްޓޯބަރުގެ އާމްދަނީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ނުދައްކާހުރި ޓެކްސް ފައިސާގެ ތެރެއިން އެ އޮތޯރިޓީން މިއަހަރުގެ މިހާތަނަށް ވަނީ 448 މިލިއަން ރުފިޔާ ހޯދައިފައެވެ.
ޓެކްސް ނުދައްކާ ފަރާތްތަކުން އެ ފައިސާ ހޯދުމުގައި މީރާއިން އަމަލުކުރަނީ މައިގަނޑު ހަ ގޮތަކަށެވެ. އެންމެ ގިނަ ފައިސާ އަނބުރާ ހޯދާފައި ވަނީ ފައިސާ ދައްކަން އަންގާ މީރާއިން ނޯޓިސް ފޮނުވައިގެންނެވެ.
އެގޮތުން ހޯދާފައިވަނީ:
° ފައިސާ ދައްކަން ނޯޓިސް ފޮނުވައިގެން: 171 މިލިއަން ރުފިޔާ
° ނުދައްކާހުރި ފައިސާ އަމިއްލައަށް ދެއްކުން: 161.22 މިލިއަން
° ބަހާލައިގެން ފައިސާ ދައްކަން ލުއި ދީގެން: 97.74 މިލިއަން ރުފިޔާ
° އެކައުންޓް ފްރީޒްކުރުން: 9.81 މިލިއަން ރުފިޔާ
° ގުޅައިގެން / އީމެއިލްކޮށްގެން: 8.10 މިލިއަން ރުފިޔާ
އެކި ފަރާތްތަކުން މީރާއަށް ދައްކަން ހުރި ޓެކްސް އާއި އެހެނިހެން ފައިސާ ހިމެނޭހެން ނުދައްކާހުރި ފައިސާގެ އަދަދު 22 ބިލިއަން ރުފިޔާއަށް އަރާ ކަމަށް މިފަހުން މީރާއިން ވަނީ ބުނެފައެވެ.




