ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދައްކަން ޖެހޭ ލޯނެއް ނުދައްކައިގެން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކުގެ ހެވީ ލޯޑު މޯލްޑިވްސް އިން ރަހާ ރިސޯޓު ހިންގަމުން އަންނަ ދެ ރަށް ވިއްކާލަން ބޭންކުން އަނެއްކާވެސް އިއުލާނުކޮށްފިއެވެ.
ބީއެމްއެލް އިން އިއުލާނުކޮށްފައިވަނީ ރަހާ ރިސޯޓު ހިންގާ ލ. އަތޮޅު ފަރެސް އަދި ކުޑަފަރެސް މަދުވެގެން 45.6 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 703 މިލިއަން ރުފިޔާ) އަށް ވިއްކާލުމަށެވެ.
މިއީ ސިވިލް ކޯޓުން މި މަހުގެ 2 ވަނަ ދުވަހު ކޮށްފައިވާ ހުކުމަކާ ގުޅިގެން ވިއްކާލަން ހުޅުވާލި ފުރުސަތެކެވެ. މި ދެ ރަށުގެ ހެޑްލީޒްގެ މުއްދަތު ހަމަވާނީ 2064 ވަނަ އަހަރުއެވެ.
ހެވީ ލޯޑުން ބޭންކަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން މި ދެ ރަށް ވިއްކާލަން މީގެ ކުރިން ވެސް އެކި ފަހަރު މަތިން ބީއެމްއެލް އިން ވަނީ އިއުލާނުކޮށްފައެވެ. މި ދެ ރަށް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ކުރިން ބީލަން ހުށަހަޅަންޖެހޭނެ ކަމަށް ބޭންކުން ބުނެއެވެ.
ރަހާ ރިސޯޓަކީ ގުދުރަތީ ރީތި މާހައުލަކަށް ހާއްސަ ރިސޯޓެކެވެ. މި ރިސޯޓުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ ރަށުގެ އެތެރޭގައި އޮންނަ ގުދުރަތީ ލޮނުގަނޑެވެ. މިއީ އެހެން ރިސޯޓުތަކާ ތަފާތު، ހިތްގައިމު މާހައުލެއް ފަތުރުވެރިންނަށް ފޯރުކޮށްދޭ ކަމެކެވެ.
މި ރިސޯޓުގައި ބީޗް ވިލާ އާއި ލޭކް ވިއު ވިލާގެ އިތުރުން ސޯލްޓް ވޯޓާ ލޭކް ވިލާ އަދި އޯޝަން ވިއު ވިލާތައް ހުރެއެވެ. މީގެ އިތުރުން ކެއިންބުއިމުގެ ހިދުމަތް ދޭ ތިން ރެސްޓޯރެންޓާއި، ވެލްނެސް ސްޕާ، ޖިމް އަދި ކުޑަކުދިންނަށް ހާއްސަ ކްލަބެއް ވެސް އެ ރިސޯޓުގައި ހިންގައެވެ.



