ކ. ގުރައިދޫ އަދި ޅ. ހިންނަވަރަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ގެތަކަށް ފެންވަދެ ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެއްޖެއެވެ.
އެންޑީއެމްއޭއިން ބުނިގޮތުގައި، ގުރައިދޫއަށް ބޯކޮށް ވާރޭވެހި، ރަށުތެރޭގައި ފެންބޮޑުވެ ގެތަކަށް ފެންވަންނަ ހިސާބަށް ފެންގަނޑު ވަނީ އުފުލިފައެވެ. އަދި ހިންނަވަރަށް ވެހުނު ބޯ ވާރޭގައި މުޅި ރަށުގައި ފެންބޮޑުވެ، ބައެއް ގެތަކަށް ދަނީ ފެންވަންނަމުންނެވެ.
ގުރައިދޫގައި ފެން ހިންދުމަށް ބޭނުންކުރާ ކައުންސިލުގެ 2 ޕަންޕުވެސް ހަލާކުވެފައި ހުރުމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް އެންޑީއެމްއޭއިން މަޢުލޫމާތުދެއެވެ. ނަމަވެސް މިހާރު އެ ރަށަށް ވާރޭވެހުން ވަނީ ހުއްޓާލާފައެވެ.
ހިންނަވަރުގެ ހާލަތާ ގުޅޭގޮތުން އެންޑީއެމްއޭއިން ބުނީ، ފެންވަންނަމުންދާ ގެތަކުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތާއި، ކައުންސިލުގެ އިސްނެގުމުގެ ދަށުން ޕަންޕެއް ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އެ ރަށުގައި ފެން ހިންދުމަށް ބޭނުންކުރަން ހުރި އާރުޑީސީގެ ޕަންޕުތައްވެސް ހަލާކުވެފައިވާތީ، ފެން ހިންދުމަށް އެމްއެންޑީއެފްގެ އެހީތެރިކަމަށް މިހާރު ވަނީ އެދިފައެވެ.




