ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ކޮޅިގަނޑު ހޯމަ ދުވަހުގެ ވަގުތެއްގައި ތޫފާނަކަށް ބަދަލުވާނެ ކަމަށް ލަފާކުރެވޭތީ، ރާއްޖޭގެ މޫސުން އިތުރަށް ގޯސްވާނެ ކަމަށް ބަލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅޭގޮތުން ދައުލަތުގެ ނީޑިއާ ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މޫސުމާ ބެހޭ ގައުމީ އިދާރާގެ މީޓިއޮރޮލޮޖިސްޓް ތަހުމީނާ އަބްދުލްކަރީމް ވިދާޅުވީ، މި ތޫފާނުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވުން އެކަށީގެންވާ ކަމަށެވެ.
އަދި މި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވެނީ ރާއްޖޭގެ އުތުރާއި މެދުތެރޭގެ ސަރަހައްދުތަކަށެވެ.
މި ދުވަސްވަރު މޫސުން އިތުރަށް ގޯސްވަމުން ދަނީ އެލްނީނޯގެ ބާރު ގަދަވުމުގެ ސަބަބުން ކަމަށާއި، އެލްނީނޯ އެންމެ ބާރުގަދަވާނީ އަންނަ ޑިސެމްބަރު މަހުގައި ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. މިއަދު އުތުރުގެ ބައެއް ރަށްރަށަށް ކުރި ވިއްސާރައިގައި ޅ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްރަށުގައި ވަނީ ފެންބޮޑުވެފައެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މެޓް އޮފީހުން ވަނީ އާދިއްތަ ދުވަހުގެ މެންދުރު 14:00 އިން ހަވީރު 18:00 އާ ހަމައަށް ށ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ. ކުރިއަށް އޮތް ވަގުތުތަކުގައިވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ވައި ޖެހޭނެ ކަމަށް ބެލެވެނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ އެދިވަޑައިގެންފައެވެ.



