ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ރޭ ވަޑައިގަތީ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލާ ގުޅޭގޮތުން މެމްބަރުން ސާފުކުރަން ބޭނުންވި ކަންކަން ސާފުކޮށްދެއްވުމަށް ކަމަށާއި އެވަގުތު މަޖިލީހަށް ވަޑައިގެންނެވީ ކޮނޑުގައި އޮތް ދަބަހަކީ ކުޅޭ ސާމާނު އަޅާފައި އޮތް ދަބަސް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްތަލިބު ދާދި ފަހުން ދުބާއީ އަށް ދަތުރެއް ކުރެއްވި ކަމަށާއި އެ ދަތުރަށްފަހު އިއްޔެ މާލެ ވަޑައިގެން ރޭގެ ވަގުތެއްގައި ”ކަޅު ދަބަހަކާއެކު“ ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވި ކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ވަނީ ވާހަކަ ފަތުރާފައެވެ. އަދި މުއްތަލިބު ހިންގަވާފައި ވަޑައިގަންނަވާ ވީޑިއޯއެއް ވެސް ވަނީ ދައުރުކޮށްފައެވެ.
އެކަމާ ގުޅިގެން ސޯޝަލް މީޑިއާ މެދުވެރިކޮށް މިނިސްޓަރު ވިދާޅުވީ ރަސްމާލޭގައި ހިންގާ މެރީނާ މަޝްރޫއުއަށް ތާއީދުކުރުމަށް، ސަރުކާރު ހިންގާ ޕީއެންސީ މެމްބަރުންނަށް ރިޝްވަތުގެ ފައިސާ ”މަޖިލީހަށް ވަދެފައިވާ“ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ތުހުމަތުކުރައްވައިފަ އެވެ.
އެ ތުހުމަތުތަކާ ގުޅިގެން، މުއްތަލިބު ވިދާޅުވީ ރޭގެ ވަގުތެއްގައި އެޓާނީ ޖެނަރަލް އަހްމަދު އުޝާމްއާ އެކު ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތީ މެމްބަރުންތަކެއް އެދުމަށް ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލާ ގުޅޭގޮތުން އެ މެމްބަރުން ސާފުކުރަން ބޭނުންވި ބައެއް ކަންކަން ސާފުކޮށްދެއްވަން ކަމަށެވެ.



