ޕާސްޕޯޓު ހަދައި ނިމިފައިވާނަމަ ލަސްނުކޮށް ޕާސްޕޯޓު ނެގުމަށް މޯލްޑިވްސް އިމިގްރޭޝަނުން އެދިއްޖެ އެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޕާސްޕޯޓް ހަދައި ނިމިފައި ހުރި ނަމަވެސް ގިނަ އަދަދެއްގެ ފަރާތްތަކުން ޕާސްޕޯޓާ ހަވާލުވާން ނާންނަ މައްސަލަ ފާހަގަކުރެވިފައިވާ ކަމަށެވެ.
އެ އިދާރާއިން ބުނި ގޮތުގައި ޕްރިންޓްކޮށްފައިވާ ޕާސްޕޯޓްތައް އިމިގްރޭޝަނުގައި ބެހެއްޓޭނީ 6 މަސްދުވަހުގެ މުއްދަތަށެވެ. އަދި އެ މުއްދަތު ހަމަވުމަށްފަހު، ހަމަޖެހިފައިވާ އުސޫލުގެ ދަށުން އެ ޕާސްޕޯޓްތައް ނައްތާލެވޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
އެހެންކަމުން، ޕާސްޕޯޓް ހަދައި ނިމުމުން އެ އިދާރާއިން ޕާސްޕޯޓާ ހަވާލުވުމަށް އެންގުމުން، ލަސްނުކޮށް އެކަމަށް އިޖާބަދިނުމަށް ސަމާލުކަން ދިނުމަށް އިމިގްރޭޝަނުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.




