އައްޑޫ ސިޓީ ހިތަދޫގައި އެމްބިއުލާންސް އެންޑް ޓްރާންސްޕޯޓް ސަރވިސް ކޮމްޕްލެކްސްއެއް ޤާއިމުކުރުމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އާއި ނޫރައްދީން އިންވެސްޓްމެންޓާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން އެމްބިއުލާންސް އަދި ޓްރާންސްޕޯޓް ޚިދުމަތްތަކަށް ޚާއްޞަކޮށްގެން ތިން ބުރީގެ ޢިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނިގޮތުގައި، މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް މިހާރު ދެމުންދާ އެމްބިއުލާންސްގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމެވެ. އަދި ހަރުދަނާ ނިޒާމެއްގެ ތެރެއިން އެކަށީގެންވާ ވަސީލަތްތަކާއެކު އިމަޖެންސީ މެޑިކަލް ޓެކްނީޝަން (އީއެމްޓީ) އަދި ޕެރެމެޑިކްސްގެ ޚިދުމަތްތައް ހިމަނައިގެން، ފެންވަރު ރަނގަޅު ޚިދުމަތަކަށް އެ ނިޒާމު ބަދަލުކުރުމެވެ.
މި އެއްބަސްވުމުގައި ސޮއިކުރި ތާރީޚުން ފެށިގެން 7 މަސް ދުވަހުގެ ތެރޭގައި ޢިމާރާތުގެ ހުރިހާ މަސައްކަތެއް ނިންމައި، 2027 ވަނަ އަހަރުގެ ތެރޭގައި އެތަނުން ޚިދުމަތް ދޭން ފެށޭނެ ކަމަށް ހޮސްޕިޓަލުން ލަފާކުރެއެވެ.
އަލަށް ޤާއިމުކުރާ 3 ބުރީގެ ޢިމާރާތުގައި އެމްބިއުލާންސް ޕާކުކޮށް ކުދި މަރާމާތުތައް ކުރުމަށާއި، ތަކެތި ގުދަންކުރުމަށް ވަކި ޖާގައެއް ހުންނާނެއެވެ. މީގެ އިތުރުން އެމްބިއުލާންސް ޑިސްޕެޗް އަދި ކޯލް ކޯޑިނޭޝަނަށް ޚާއްޞަ ބަޔަކާއި، ޑްރައިވަރުންނާއި ޓެކްނީޝަނުން ހިމެނޭހެން މުވައްޒަފުންނަށް ބޭނުންވާ ޖާގަތައް ވެސް މި ޢިމާރާތުގައި ހިމެނެއެވެ.
މި މަޝްރޫޢާ ގުޅިގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ މިއަހަރުގެ އޮކްޓޫބަރު 28 ގައި އިމަޖެންސީ މެޑިކަލް ޓެކްނީޝަންގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްފައެވެ.
އަދި މި ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް ވެސް އެ ހޮސްޕިޓަލުން ދަނީ ކުރިއަށް ގެންދަމުންނެވެ.



