ރާއްޖޭގެ ތަރައްގީއާއި، ހަމަޖެހުމާއި، ރައްކާތެރިކަމާއެކު ކުރިއަށް ދިއުމަށް އޮތް ހަމައެކަނި މަގަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުކޮށްދިނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަދި އަދާލަތު ޕާޓީ ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން ވެވުނު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޑރ. މުއިއްޒަށް ކާމިޔާބުކޮށްދިނުމަކީ ގައުމުގެ ކުރިމަގަށް އޮތް ހަމައެކަނި މަގު ކަމަށެވެ.
”ހަމަޖެހުމާއި، ރައްކާތެރިކަމާއި، ތަރައްގީއާއެކު ކުރިއަށް ދެވޭނެ ހަމައެކަނި ގޮތަކީ، ހަމައެކަނި މަގަކީ ޕީއެންސީގެ ސަރުކާރަށް އަދި ރައީސް މުއިއްޒަށް އެއްބާރުލުން ދީގެން، ފެހި ގާނޫނު އަސާސީގެ ދަށުން ފުރަތަމަ ފަހަރަށް ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަންނަވާ ރައީސަކަށް، ރައީސް މުއިއްޒު ހަދައިގެން،“ އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ކަށަވަރުކޮށްދޭން ޖެހެނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށްޓަކައި ދަންމަވާލެއްވި ފަލަ ރަތް ރޮނގު ހުރަސްކުރަން އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވާތީ އެވެ. އަދި ދާހިލީ ހަމަޖެހުމަށް ޖާގަދީ، ތަރައްގީއަށް ފުރުސަތު ފަހިކޮށް، އަދުލުވެރިކަން އިސްކުރައްވާތީ ކަމަށްވެސް ވިދާޅުވި އެވެ.
ޕީއެންސީން އަބަދުވެސް އިސްކުރާނީ ގައުމު ކަމަށާއި އަމިއްލަ އެދުމަށް އިސްކަންދީގެން ގައުމީ މަސްލަހަތު ފަހަތަށް ޖައްސާލައި، ބޭކާރު ވަގުތުތައް ހޭދަކުރެވެން ނެތް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
މީގެއިތުރުން، އަމިއްލަ އެދުން ފަސްކޮށްލަންޖެހޭ ކަމަށާއި ގައުމަށް އިހުލާސްތެރިވާނަމަ ހައްގުބަސް ބުނަން ކެރެންޖެހޭނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.



