ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާ ހަރުދަނާކުރުމަށާއި، މާލެ އަދި ތިލަފުށްޓާ ދެމެދު ކަރަންޓު ވިއުގަ ގުޅާލުމާ (އިންޓަރކަނެކްޝަން) ގުޅޭގޮތުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި އެންވަޔަރަންމަންޓް މިނިސްޓްރީ އާ ދެމެދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރު ޢަލީ ޝަރީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ ރާއްޖޭގެ ހަކަތައިގެ އުމްރާނީ ވަސީލަތްތައް އިތުރަށް ތަރައްޤީކޮށް ވަރުގަދަކުރުމުގެ މައްޗަށެވެ. އަދި ޚާއްޞަކޮށް މާލެ އާއި ތިލަފުށީގެ ކަރަންޓު ވިއުގަ އެއް ވިއުގައަކުން ގުޅާލުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ދެފަރާތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.
މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ގްރިޑް ކަނެކްޓިވިޓީ ވަރުގަދަކޮށް، ރައްޔިތުންނަށާއި ވިޔަފާރިތަކަށް މެދުކެނޑުމެއްނެތި، އިތުބާރު ހުރި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުން ކަމުގައި މި ބައްދަލުވުމުގައި ވަޒީރު އަލީ ޝަރީފް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އޭޑީބީގެ އެހީތެރިކަމާއެކު ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ދެމެހެއްޓެނިވި އަދި ޒަމާނީ ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މި މަޝްވަރާތަކުގެ ސަބަބުން އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މާލެއާއި ތިލަފުއްޓާ ދެމެދު ކަރަންޓު ވިއުގަ ގުޅާލުމުގެ މަޝްވަރާތައް ފަށާފައި މިވަނީ، ތިލަމާލެ ބްރިޖުގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ދަނޑިވަޅެއްގައެވެ. މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލާ މި ބްރިޖް ނިމުމުން ގްރޭޓަރ މާލެ ސަރަހައްދު ތިލަފުއްޓާ ހަމައަށް އެއްގަމު މަގުން ގުޅިގެންދާނެއެވެ.
މިހާރުވެސް ސިނަމާލެ ބްރިޖް މެދުވެރިކޮށް މާލެ، ހުޅުލެ އަދި ހުޅުމާލެ އެއްގަމު މަގުން ގުޅާލެވިފައިވާއިރު، އެ ސަރަހައްދުގެ ކަރަންޓު ވިއުގަވެސް ވަނީ އެއް ވިއުގައަކުން ގުޅާލާފައެވެ.



