ދިވެހިރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅު ތަރައްގީކުރުމަށް ޒަމާނުއްސުރެ ދެކެމުން އައި ތަސައްވުރު ހަގީގަތަކަށް ހެދުމުގެ ގޮތުން، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަބޫދާބީއަށް ނިސްބަތްވާ ސާހް ގްރޫޕާއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނިގޮތުގައި، މި އެއްބަސްވުމަކީ ރާއްޖޭގެ އުތުރުގައި ބައިނަލްއަގުވާމީ ފެންވަރުގެ ޓްރާންސްޝިޕްމަންޓް ހިދުމަތްތައް ހިމެނޭ ގޮތަށް ޕޯޓު ޒޯނަކާއި، ލޮޖިސްޓިކްސް އަދި އިގްތިސާދީ މައި މަރުކަޒެއް ގާއިމުކުރުމަށް ރާއްޖެއިން ދެކެމުން އައި ތަސައްވުރު ހަގީގަތަކަށް ހެދުމަށް އެޅުނު ތާރީހީ ފިޔަވަޅެކެވެ.
”މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް“ މަޝްރޫއު ކުރިއަށް ގެންދިއުމަށް މި އެއްބަސްވުމުގައި ސޮއިކުރީ ދިވެހި ސަރުކާރާއި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އިތުރުން އަބޫދާބީގެ ސާހް ގްރޫޕް ފޮ ޓެކްނިކަލް ސާވިސަސް އެލްއެލްސީ އާ ދެމެދުގަ އެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ސާހް ގްރޫޕަކީ 1976 ވަނަ އަހަރުން ފެށިގެން މެރިޓައިމް، ހަކަތަ އަދި ލޮޖިސްޓިކްސްގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ތަޖުރިބާކާރު ކުންފުންޏެކެވެ. އެ ކުންފުނިން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ޒަމާނީ ބަނދަރަކާއި ގުޅުންހުރި އެންމެހައި ވަސީލަތްތައް އެކުލެވޭ ފުރިހަމަ އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓެއްގެ ގޮތުގައި މި ސަރަހައްދު ތަރައްގީކުރުމަށެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، އެ މަޝްރޫއުގެ ތެރޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ކޮމާޝަލް ބަނދަރަކާއި މެރިޓައިމް އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ވެސް ގާއިމް ކުރާނެ ކަމަށެވެ. އަދި ޓޫރިޒަމާއި އެހެނިހެން ހިދުމަތްތައް އެކުލެވޭ ގޮތަށް ސަރަހައްދު ތަރައްގީ ވެސް ކުރާނެ ކަމަށް ބުންޏެވެ.

މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނިފައިވާ، އަދި އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ގައުމާ މުހާތަބުކުރައްވައި ވެވަޑައިގެންނެވި ވައުދުފުޅެކެވެ. މީގެ އިތުރުން މިއީ ސަރުކާރުގެ ”ވިޝަން 2040“ ދުރުރާސްތާ އިގްތިސާދީ ތަސައްވުރުގެ ދަށުން، ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެކެވެ.
ބައިނަލްއަގުވާމީ މެރިޓައިމް ދަތުރުފަތުރުގެ މައި މަގެއް ކަމުގައިވާ 8-ޑިގްރީ ޗެނަލްއާ ކައިރީގައި އިހަވަންދިއްޕޮޅު އޮތުމަކީ، މެރިޓައިމް އަދި ލޮޖިސްޓިކްސް ވިޔަފާރިތަކަށް ރާއްޖޭގެ ޖިއޮގްރަފިކް އަދި އިސްތިރާޖީ މަގާމުގެ ފައިދާ އެންމެ ފުރިހަމައަށް ހޯދުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.




