ފުޅާ ދާއިރާއެއްގައި ރ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގައި ހިމެނޭ ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މިދިޔަ އާދީއްތަ ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ، މަލަ، ރ. މާކުރަތު / ޠަލްޙަތު ނަސީމް (40އ)އާއި ފަލަކު، ރ. މާކުރަތު / އަޙްމަދު ޝާފިޢު (23އ) އަރި ބަނބުކެޔޮގަސްދޮށުގެ، ރ. މާކުރަތު / އިސްމާޢީލް ރަޝީދު (46އ) އެވެ.
މި މައްސަލައާ ބެހޭގޮތުން ފުލުހުން ބުނީ، ޑިންގީއެއްގައި މާކުރަތަށް ފޭބި އެ ތިން މީހުން، ބަނދަރު ސަރަަހައްދުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދެ ދަޅު ފެނުނު ކަމަށެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 104 ގުރާމެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޠަލްޙަތު ނަސީމް 10 ދުވަހަށް ބަންދުކޮށް، އަޙްމަދު ޝާފިޢުއާއި އިސްމާޢީލް ރަޝީދު ހަތަރު ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެމީހުން ހައްޔަރުކުރުމަށް އޮޕަރޭޝަން ހިންގާފައި ވަނީ، ރ. މާކުރަތު ޕޮލިހާއި އުނގޫފާރު ޕޮލިހާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.



