ރައްޔިތުންގެ ހިޔާލާއި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ހުށަހެޅުމަށްޓަކައި ”ސިޓިޒަންސް ވޮއިސް“ ގެ ނަމުގައި މިއަދު އިތުރު ޕޯޓަލެއް އިފްތިތާހުކޮށްފިއެވެ.
ރައީސް އޮފީހުން ބުނީ، މި ޕޯޓަލް އިފްތިތާހުކޮށްފައިވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ދިނުމަށް އެ އޮފީހުގައި ގާއިމުކޮށްފައިވާ ”ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ“ ގެ ދަށުން ކަމަށެވެ.
މި ޕޯޓަލްގެ ހިދުމަތް މިވަގުތު ފަށާފައިވަނީ މެދުވެރިކޮށެވެ.
ވެބް މެދުވެރިކޮށް މި ޕޯޓަލްގެ ޚިދުމަތް މިހާރު ދޭން ފެށި ނަމަވެސް، ކައިރި މުސްތަގުބަލެއްގައި މި ހިދުމަތަށް ޚާއްސަކުރެވޭ ފޯނު އެޕްލިކޭޝަންވެސް އިފްތިތާހުކުރާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. މީގެ އިތުރުން، މިވަގުތުވެސް ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ކޯލް ސެންޓަރުގެ ޚިދުމަތް ހޮޓްލައިން ނަންބަރު 1470 މެދުވެރިކޮށް އާންމުންނަށް ލިބޭނެއެވެ.
މި ޕޯޓަލަކީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ފެށި ހިދުމަތެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ. ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި ގޮތުގައި، މި ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ރައްޔިތުންގެ ޝަކުވާތައް ބެލެހެއްޓުމާއި، ރައްޔިތުންގެ ހިޔާލާއި ކަންބޮޑުވުންތައް ގާތުން ބެއްލެވުމެވެ.
ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ ރައީސް މުއިއްޒު ރަސްމީކޮށް އުފެއްދެވީ އޭޕްރީލް 16 ގައެވެ. އަދި މޭ 18 ގައި، ވަޒީރުންގެ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ މަގާމަށް ޑރ. މުހައްމަދު މަޖީދު ޝަރީފް ވަނީ އައްޔަންކުރައްވާފައެވެ.



