އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މިނިވަން މުއައްސަސާތަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ނުހުއްޓޭނެ ފަދަ އިންތިޒާމެއް ހަމަޖައްސައިދެއްވާނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ދެއްވައިފިއެވެ.
ބަޖެޓަށް ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީއަށް ހާޒިރުކުރުމުން ބަޖެޓު ކުޑަވުމުގެ ކަންބޮޑުވުން ފާޅުކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިންނެވެ.
އެ މުއައްސަސާތަކުން އެގޮތުން ހުށަހެޅި ބައެއް ކަންކަމަށް ފައިސާ ނުހިމަނައި ބަޖެޓު އެކުލަވާލީ އެ ކަންކަމަކީ ”ޖަސްޓިފަޔަބަލް“ ކަންތައްތަކަކަށް ނުވާތީކަން މިނިސްޓަރު ޒަރީރު ފާހަގަކުރެއްވިއެވެ.
ޒަރީރު ވިދާޅުވީ، މުއައްސަސާތަކަށް އަބަދުވެސް ބަޖެޓް ކަނޑައަޅަނީ އެއްވެސް މަސައްކަތަކަށް ހުރަސް ނޭޅޭނެ ގޮތަށް ކަމަށެވެ. އަދި ބަޖެޓުގައި ކޮންޓިންޖެންސީ ބަޖެޓުގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ހިމަނާފައިވަނީ ކޮންމެހެން ކުރަންޖެހޭ ކަމެއް ދިމާވެއްޖެ ހާލަތެއްގައި އެކަމަކަށް ފައިސާ ހަމަޖެއްސުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
”އެހެންވީމާ އަަޅުގަނޑު އެ ހުރިހާ މުއައްސަސާތަކަށް ވެސް އެޝުއަރެންސް ދޭން ބޭނުންވަނީ އެ ބޭފުޅުންގެ މަސައްކަތްތައް ނުހުއްޓޭނެ ގޮތަށް އަދި އިތުރަށް އެ ބޭފުޅުންނަށް ބޭނުންވެއްޖެ ނަމަ ވެސް ބަޖެޓް ތެރެއިން އެބޭފުޅުންނަށް ބޭނުންވާ ކަންތައްތައް ހަމަޖައްސައިދޭނެ ކަމަށް“ ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.


