ކީރިތި ޤުރްއާނާ ބެހޭ ޚާއްޞަ ވަޤްފު ބިލްޑިންގ ’ދާރުއްނޫރު‘ މަޝްރޫޢު އިސްލާމިކް މިނިސްޓްރީން ރަސްމީކޮށް އިފްތިތާޙުކޮށް، އެ ޢިމާރާތުގެ ކުރެހުން ފުރަތަމަ ފަހަރަށް ދައްކާލައިފިއެވެ.
މި މަޝްރޫޢު އިފްތިތާޙުކޮށްފައިވަނީ މި ސަރުކާރަށް 156 ހަފުތާ ފުރުން ފާހަގަކުރުމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ވަޤްފުގެ ދާއިރާ ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން ބިނާކުރާ މި ޢިމާރާތަކީ 15 ބުރީގެ ޢިމާރާތެކެވެ. މި ޢިމާރާތް ފަރުމާކޮށްފައިވަނީ މުޅި ޢިމާރާތުން ދެމެހެއްޓެނިވި ގޮތެއްގައި ނަފާ ލިބޭނެ ގޮތަށެވެ. އެގޮތުން މި ޢިމާރާތުގައި އޮފީސް ބަޔާއި، ވިޔަފާރިތަކަށް ޚާއްޞަ ކޮމާޝިއަލް އޭރިއާތަކާއި، ހޯލް، މީޓިންގ ރޫމްތައް، ލައިބްރަރީ އަދި ރެސްޓޯރެންޓް ފަދަ ޒަމާނީ ވަސީލަތްތައް ހިމެނޭނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި، މި ޢިމާރާތުން ލިބޭ އެންމެހައި ނަފާ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ކީރިތި ޤުރްއާނުގެ ދާއިރާ އިތުރަށް ފުޅާކޮށް، އެ ދާއިރާ ކުރިއެރުވުމަށެވެ. މި މަޝްރޫޢަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާއިރު، މަޝްރޫޢުގެ ޢަމަލީ މަސައްކަތް 2027 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެ މިނިސްޓްރީން މިހާރު އަންނަނީ ވަމުންނެވެ.
މި މަޝްރޫޢުގެ އިތުރުންވެސް މާލެ ސަރަޙައްދުގައި ވަޤްފު އިތުރު ދެ ޢިމާރާތެއްގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެއީ ’ދާރުލްއަރްޤަމް‘ އަދި ’ދާރުއްސަލާމް‘ ވަޤްފު މަޝްރޫޢެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި، މި މަޝްރޫޢުތައް ނިމި ބޭނުންކުރަން ފެށުމުން ދަޢުލަތުގެ ބަޖެޓަށް ބަރޯސާނުވެ، އިސްލާމީ ދާއިރާގެ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވޭ މިންވަރަށް ނަފާ ލިބިގެންދާނެއެވެ.




