ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި މި ފާއިތުވީ ތިން އަހަރު ދުވަހު ކުރެއްވި މުހިންމު މަސައްކަތްތައް ދައްކުވައިދޭ ޑިޖިޓަލް ފޮތެއް މިރޭ އިފްތިތާހުކޮށްފިއެވެ.
މި ފޮތް އިފްތިތާހު ކުރެއްވީ، ރައީސް މުޢިއްޒުގެ ވެރިކަމަށް ތިން އަހަރު ދުވަސް ފުރުން ފާހަގަ ކުރުމުގެ ގޮތުން މިހާރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ ޚާއްސަ ޚަފްލާގެ ތެރެއިން އެމަނިކުފާނެވެ.
އެގޮތުން މި ފޮތް އިފްތިތާހު ކޮށްދެއްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި މިހާތަނަށް ވަރަށް ގިނަ މުހިންމު މަސައްކަތްތައް ކުރެވިފައިވާ ކަމަށާއި އެ މަސައްކަތުގެ ވާހަކަތަށް މިރޭގެ މިވަގުތުކޮޅުގައި ދައްކައި ނުނިންމޭނެ ކަމަށެވެ.
”ހަމައެކަނި މި އަހަރު ތެރޭގައި ކުރެވުނު މަސައްކަތްތަކަށް ބަލާއިރުވެސް، އެވާހަކަތަށް މާދަމާގެ ފަތިސް ވަގުތު ޖެހޭއިރުވެސް ދައްކާ ނުނިމޭނެ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މުޢިއްޒުގެ ވެރިކަމުގައި އެމަނިކުފާނު މިހާތަނަށް ކުރައްވާފައިވާ 156 ހަފްތާގެ މަސައްކަތްތައް ދައްކުވައިދޭ ޑިޖިޓަލް ފޮތް ރައީސް އޮފީހުގެ ވެބްސައިޓް މެދުވެރިކޮށް މިހާރު ފެންނަން ހުންނާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.



