ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުން އިސްކަން ދިނީ، މި އަހަރަކީ ދަރަނި ދެއްކުމަށް އިސްކަންދޭ އަހަރަކަށް ހެދުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމަށް ތިން އަހަރު ދުވަސް ފުރުން ފާހަގަ ކުރުމުގެ ގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިވަގުތު ކުރިއަށްދާ ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ ދަރަނި ދެއްކުމަށް ބަލާއިރު މި ސަރުކާރުން ވަނީ ވަރަށް ބޮޑަށް ތަފާތު ދައްކާފައި ކަމަށެވެ.
”ޚާއްސަކޮށް މި އަހަރަކީ ސުކޫކް ދައްކަން ޖެހޭ އަހަރަށް ވެފައި، އަޅުގަނޑުމެން އިސްކަން ދިނީ މި އަހަރަކީ ދަރަނި ދެއްކުމަށް އިސްކަންދޭ އަހަރަކަށް ހެދުމަށް. މިއަހަރު އެކަނި އަޅުގަނޑުމެން ދައްކައިފިން (ކަރެންސީ ސްވޮޕްއާ އެކީގައި) 1.45 ބިލިއަން އެމެރިކާ ޑޮލަރު“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، މިދިޔަ ތިން އަހަތު ދުވަހުގެ ތެރޭގައި ދެއްކި ދަރަނީގެ އަދަދަކީ އޭގެ ކުރީގެ 10 އަހަރު ތެރޭގައި ދެއްކި ދަރަނީގެ އަދަދަށްވުރެ 483 މިލިއަން ޑޮލަރު އިތުރު އަދަދެއް ކަމަށެވެ. އަދި ރައްޔިތުންނަށް ދޭ ޚިދުމަތްތައް ދެމުންގެންދަނީ އެ ދަރަނި އަދާކުރުމަށް ފަހުގައިކަން ވެސް އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.



