ގަތަރުގެ ވެރިރަށް ދޯހާގައި 2026 ނޮވެމްބަރު 16 އިން 18 އަށް ކުރިއަށްދިޔަ އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕޮލިސް އެކަޑަމީސް (އިންޓަރޕާ) ގެ 15 ވަނަ ކޮންފަރެންސްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ތިން އޮފިޝަލުން ބައިވެރިވެއްޖެއެވެ.
މި ކޮންފަރެންސްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާނާއި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޙުމާ ސަޢީދުގެ އިތުރުން ޑިރެކްޓަރ ޖެނެރަލް އޮފް ޕޮލިސް ސަރވިސް އެޑްމިނިސްޓްރޭޝަން އިސްމާޢީލް ޞަފްޙަތެވެ.
ފުލުހުން ބުނިގޮތުގައި، ގަތަރުގެ މިނިސްޓްރީ އޮފް އިންޓީރިއަރގެ ދަށުން ހިންގާ ގަތަރު ޕޮލިސް އެކަޑަމީން އިންތިޒާމުކޮށްގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ކޮންފަރެންސްގައި، ދުނިޔޭގެ އެކި ގައުމުތަކުގެ ޕޮލިސް އެކަޑަމީތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ތަމްރީނު މަރުކަޒުތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ ފުލުހުންގެ ތައުލީމާއި ތަމްރީނުގެ ދާއިރާއިން ގުޅުން ބަދަހިކޮށް، ތަޖުރިބާ ބަދަލުކުރުމާއި އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދިޔަ ކޮންފެރެންސެކެވެ
މި ކޮންފަރެންސްގައި މަޝްވަރާކުރެވުނީ ފުލުހުންގެ ތައުލީމާއި ތަމްރީނު ނިޒާމުތައް ޒަމާނީކުރުމަށާއި، ތަމްރީނު މަންހަޖުތައް އިތުރަށް ހަރުދަނާކުރުމުގެ އިތުރުން، އަލަށް ކުރިމަތިވަމުންދާ ސަލާމަތީ ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތްކުރެވޭނެ ގާބިލު އޮފިސަރުން ބިނާކުރުމާ ގުޅޭގޮތުންނެވެ. މީގެއިތުރުން، މި ޕްރޮގްރާމުގެ ތެރެއިން އިންޓަރޕާގެ 15 ވަނަ ޖެނެރަލް އެސެމްބްލީ ބައްދަލުވުމާއި 30 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުންވެސް ކުރިއަށްދިޔައެވެ.
މި ބައްދަލުވުންތަކުގައި، މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި، ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމުގެ އިތުރުން ފުލުހުންގެ ތައުލީމާއި ތަމްރީނުގެ ފެންވަރު މަތިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ހިޔާލު ބަދަލުކުރެވުނެވެ.



