ހުޅުމާލެ ފަރުކޮޅުފުއްޓާ ދިމާ ބޭރުގައި އެއްކޮށްފައި ހުރި ކުނިތަކެއްގައި މިއަދު މެންދުރުފަހު ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، ނަމަވެސް އަލިފާން އެއްކޮށް ނިއްވާލުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުނީ މިއަދު މެންދުރުފަހު 13:57 ހާއިރެވެ.
މައުލޫމާތު ލިބުމާއެކު ހުޅުމާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ. އަދި ހުޅުމާލޭ ޓީމަށް އެހީތެރިވުމަށް މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވެސް ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގައި ބައިވެރިވެފައެވެ.
ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ހަވީރު 15:59 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން އެތަނުގައި އަދިވެސް އަލިފާން ރޯވަމުންދާތީ، އަލިފާން އެއްކޮށް ނިއްވާލުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދަށް ވަރަށް ބޮޑަށް ދުންގަނޑު ވަނީ ފެތުރިފައެވެ.
ދުމުގެ އަސަރު ބޮޑުވެފައިވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދުތަކަށް ނުނިކުތުމަށާއި، ބޭރަށް ނުކުންނަނަމަ އަނގައާއި ނޭފަތް ނިވާކުރުމަށް އެޗްޕީއޭއިން އެދިފައިވެއެވެ. އަދި ނޭވާލާ ނިޒާމުގެ ބަލިތަކާއި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް ދުމުގެ ނޭދެވޭ އަސަރު ބޮޑުވެދާނެތީ ސަމާލުވުމަށާއި، ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ދުން ނުވަންނާނެހެން ބަންދުކޮށްފައި ބެހެއްޓުމަށްވެސް ވަނީ އަންގާފައެވެ.
މީގެ އިތުރުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވެސް ވަނީ ވެމްކޯ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ދުމުގެ އަސަރުން ރައްކާތެރިވުމުގެ ގޮތުން ހިޔާ އަދި ވިނަރެސް ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުން ހުރިހާ ކުޑަދޮރުތަކެއް ލައްޕާފައި ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ނުވަތަ މުދަލަކަށް ގެއްލުންވި ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.




