ރަޝިއާގެ ދެކުނު-ހުޅަނގު ސައިބީރިއާގެ ކެމެރޯވޯ ސަރަހައްދަށް އަސްކަރީ ޓްރާންސްޕޯޓް މަތިންދާބޯޓެއް ވެއްޓި، އޭގައި ދަތުރުކުރި 19 މީހުން މަރުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ އަސްކަރީ ’އޭއެން-12‘ މަރުކާގެ މަތިންދާބޯޓެއް، މީހުން ދިރިނޫޅޭ ފަޅު ސަރަހައްދަކަށް ވެއްޓިގެންނެވެ.
ރަޝިއާގެ ދިފާއީ ވުޒާރާއާ ހަވާލާދީ އެ ގައުމުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ސަބަބުންނެވެ. ނޮވޮސިބިރްސްކުން ފުރައިގެން ކްރަސްނޮޔާރްސްކް ކްރާއީގެ ކަންސްކަށް ދަތުރުކުރަމުންދިޔަ މި ބޯޓު ވެއްޓިފައިވަނީ ޔަގުނޯވޯ އަވަށާ ކައިރިއަށެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ސީސީޓީވީ ފުޓޭޖުތަކުން ފެންނަ ގޮތުގައި، ބޯޓު ވެއްޓިފައިވަނީ ވަރަށް ބާރު ސްޕީޑުގައި ތިރިއަށް ފައިބައި، ބިމުގައި ޖެހި ގޮވައިގެންނެވެ. އަދި ބޯޓުގެ ޕައިލެޓުން ވަނީ މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރަށް ބޯޓުގެ މިސްރާބު ބަދަލުކުރުމަށް ފަހުވަގުތާ ޖެހެންދެން ވެސް މަސައްކަތްކޮށްފައި ކަމަށް ހަބަރުތައް ބުނެއެވެ.
މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ގަވަރުނަރު އިލްޔާ ސެރެޑުކް ވިދާޅުވީ، ބޯޓު ވެއްޓުމާ އެކު ރޯވި އަލިފާންގަނޑު ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުން މިހާރު ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ. އަދި މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރަޝިއާގެ ދިފާއީ ވުޒާރާއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި މި ހާދިސާގައި ބޯޓުގައި ތިބި 19 މީހުން ވެސް ވަނީ މަރުވެފައެވެ. ނަމަވެސް ބޯޓު ވެއްޓުނު ސަރަހައްދުގައި ތިބި އެއްވެސް އާންމު ރައްޔިތަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މި ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށްޓަކައި ރަޝިއާގެ އެއިރޯސްޕޭސް ފޯސަސްގެ ހާއްސަ ކޮމިޝަނަކާއި އިންވެސްޓިގޭޓިވް ކޮމިޓީން މިހާރު ވަނީ މަސައްކަތް ފަށާފައެވެ.



