ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެއްވުމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް އަލީ ސަމީރުގެ ނަންފުޅު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ އިއްވަވައި، އިތުރަށް ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަންކުރަން ނަން ފޮނުއްވާފައި މި ވަނީ އެ ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު އަންނަ މަހު ރިޓަޔާކުރައްވާތީއެވެ.
ސަމީރުގެ ނަންފުޅު މަޖިލީހަށް ފޮނުއްވާފައި ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވި ލަފާފުޅާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ހުސްވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ސަމީރުގެ އިތުރުން ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް ވެސް ހިމެނިވަޑައިގަންނަވައެވެ.
އަލީ ސަމީރަކީ 12 މެއި 2022 އިން ފެށިގެން 28 އޮކްޓޯބަރު 2024 ގެ ނިޔަލަށް ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ކުރިން މާޗު 2011 އިން މެއި 2022 އަށް ހައި ކޯޓުގެ ފަނޑިޔާރުކަން ވެސް ސަމީރު ވަނީ ކުރައްވާފައެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރުމުގެ އިޖުރާއާތު ހަމަޖެހިފައިވާ ގޮތުން، އެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންނާ ޖޭއެސްސީން އިންޓަވިއުކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާ ލަފާފުޅުގެ މަތިން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ނަންފުޅެއް މަޖިލީހަށް ފޮނުއްވާނެއެވެ. އަދި މަޖިލީހުން އެ ނަން ފާސްކުރުމުން، 7 ދުވަހުގެ ތެރޭގައި އެ ބޭފުޅަކު މަގާމަށް އައްޔަންކުރައްވަން ޖެހެއެވެ.



