ޓްރީ ޓޮޕް ހޮސްޕިޓަލުން 2026 ވަނަ އަހަރު ބާއްވާ ފުރަތަމަ ހިތާނީ ކޭމްޕުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މި ކޭމްޕުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ނަން ނޯޓުކުރުމުގެ ފުރުސަތު އަންނަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހަމަޖައްސާފައެވެ.
މި ކޭމްޕުގެ ދަށުން ކުރިއަށްގެންދާ ކޮންސަލްޓޭޝަންތައް ޑިސެމްބަރު 3 އިން ޖެނުއަރީ 7 އަށް ކުރިއަށްދާއިރު، ހިތާނުކުރުމުގެ ޕްރޮސީޖާތައް ކުރިއަށްދާނީ ޑިސެމްބަރު 12 އިން ފެށިގެން ޖެނުއަރީ 11 ގެ ނިޔަލަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތާނީ ޕެކޭޖުގައި ގިނަ ޚިދުމަތްތަކެއް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ޔޫރޮލޮޖިސްޓުންނާއި އެނެސްތީސިއޮލޮޖިސްޓުންގެ އޮޕަރޭޝަނުގެ ކުރީގެ ކޮންސަލްޓޭޝަންތަކާއި، ޕްރޮސީޖާއާ ގުޅޭ އާންމު ލެބޯޓަރީ ޓެސްޓުތަކުގެ އިތުރުން ލޯކަލް ނުވަތަ ޖެނެރަލް އެނެސްތީސިއާގެ ދަށުން ހިތާނުކުރުން ހިމެނެއެވެ. މީގެއިތުރުން އޮޕަރޭޝަނަށް ބޭނުންވާ ތަކެއްޗާއި ބޭސް، އޮޕަރޭޝަނަށްފަހު ޑޭކެއާގައި މޮނިޓަކުރުމާއި، ފޮލޯއަޕް ކޮންސަލްޓޭޝަން އަދި އޮޕަރޭޝަނަށްފަހު ދޭ ލުއި ކެއުން ވެސް މި ޕެކޭޖުގެ ތެރޭގައި ހިމެނެއެވެ. އަދި ހާއްސަ އަގެއްގައި ޕްރައިވެޓް ރޫމަށް އަޕްގްރޭޑް ކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.
މި ކޭމްޕުގައި ފަރުވާ ދެއްވުމަށް ހަމަޖެހިފައިވަނީ އޮޕަރޭޝަން ފަރުވާއަށް ޚާއްޞަ ޑޮކްޓަރުންނާއި ކުޑަކަމުދާ ނިޒާމުގެ ޚާއްޞަ ޑޮކްޓަރުން ހިމެނޭ ތަޖުރިބާކާރު މެޑިކަލް ޓީމަކުންނެވެ. މި ޓީމުގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރުންނަކީ ޑރ. ޝަރީފް، ޑރ. އޯޑަރ، ޑރ. އުބައިދް، ޑރ. މޫމިން އަދި ޑރ. ހުސެއިނެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ، އެންމެ މަތީ ފެންވަރުގެ ފަރުވާ ކަށަވަރުކުރުމަށްޓަކައި މި އޮޕަރޭޝަންތައް ކުރިއަށްގެންދާނީ ކުދިންނަށް ހިތްހަމަޖެހޭ ފަދަ ޚާއްޞަ މާހައުލެއްގައި ކަމަށެވެ. އަދި މިއީ ބެލެނިވެރިންނަށް އިތުބާރު ކުރެވޭނެ ފަދަ، ކުދިންނަށް ފަސޭހަ ތަޖުރިބާއެއް ލިބިގެންދާނެ ޕްރޮގްރާމެއް ކަމަށް ވެސް އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.



