ދިވެހީންނަކީ ކުރިއެރުމާއި ޒަމާނީ ތަރައްޤީއަށް އަބަދުވެސް ތަރުހީބުދޭ ބައެއްކަން މާޒީން ފެންނަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް، މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޖުމްހޫރީ ދުވަހަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ނިންމުން ފާހަގަކޮށް، ދައުލަތުގެ ވެރިކަމާ މެދު ރައްޔިތުން ބަސް އިއްވި ދުވަސް ކަމަށެވެ. އަދި އެއީ ދިވެހީންގެ އިއްޔެއާއި، މިއަދާއި، މާދަމާގެ މުސްތަޤުބަލާ މެދު ފުންކޮށް ވިސްނައި ފިކުރުކުރަން އޮތް މުހިންމު ދުވަހެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެގޮތުން، ރާއްޖޭގެ ޖުމްހޫރީ ވެރިކަމުގެ ކުރީކޮޅު ޤައުމަށް ގެންނަން މަސައްކަތްކުރި ތަރައްޤީގެ މުހިންމު މަޝްރޫޢުތަކަށާއި، ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނާއި ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހީމް ނާޞިރުގެ ޒަޢާމަތުގައި ކުރިމަތިވި އެކިއެކި ގޮންޖެހުންތަކާ އެކުވެސް ދާއިރާތައް ކުރިއެރުވުމަށް ކުރެއްވި މަސައްކަތްތަކަށް ރައީސް އަލިއަޅުއްވާލެއްވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، 1966 ވަނަ އަހަރުގެ ތެރޭގައި އަވައްޓެރި ޤައުމުތަކުގައި ފަތުރުވެރިކަން ފެށުމުން ރާއްޖޭގައި ކުރެވުނު ދިރާސާތަކަށް ފަހު، ރަށްތައް ދުރުދުރުގައި ހުރުމުން ރާއްޖޭގައި ޓޫރިޒަމް ނުހިންގޭނެ ކަމަށް ބޭރުގެ ތަޖުރިބާކާރުން ނިންމި ކަމަށެވެ. ނަމަވެސް، މަދު ބައެއްގެ މަލާމާތާއި ފާޑުކިޔުންތަކާ އެކުވެސް ދިވެހިންކުރެ މަދު ބޭފުޅަކު އިސްނަންގަވައިގެން ކުރެއްވި މަސައްކަތުގެ ފޮނިމީރުކަން މިއަދު ފެންނަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”މި ހާދިސާތަކަށް ބަލާއިރުވެސް، ދިވެހިރައްޔިތުންކުރެ ގިނަ ބޭފުޅުން އަބަދުވެސް ކުރިއެރުމާއި ޒަމާނީ ތަރައްޤީއަށް މަރުޙަބާ ވިދާޅުވާކަން އެނގޭ. އިސްކުރައްވަނީ ޤައުމީ ވިސްނުންކަން ސާފުވޭ. އެހެނީ ދިވެހި ރައްޔިތުން އެ ވަނީ، ހޭލުންތެރިކަމާއި މަދަނީ ތަރައްޤީއަށް ބޮޑު ތަރުޙީބެއް ދެއްވާފާ. ދިވެހި ރައްޔިތުން ބޭނުންވަނީ ހޭލުންތެރި ދިވެހި ޤައުމެއް. ދިވެހި ރައްޔިތުން ބޭނުންވަނީ މަދަނިއްޔަތެއް ލިބިފައިވާ ދިވެހިރާއްޖެއެއް،“ ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ދީނީ އަދި ދުސްތޫރީ ޙަޔާތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިސްލާމްދީން ބާވާލައްވައި އެ ދީން ދުނިޔެއަށް ފެތުރިގެން ދިޔަ ކުރީކޮޅު ވަށައިގެންވާ މާޙައުލަށް ބެލުމެއްނެތި ދިވެހިން އެ ޙައްޤު ދީން އިޚްތިޔާރުކުރި ކަމަށެވެ. އަދި މި ސަރަޙައްދުގައި އެންމެ ފުރަތަމަ ލިޔެވިގެންވާ ޤާނޫނުއަސާސީއެއް ބަލައިގަތީވެސް ދިވެހިން ކަމަށާއި، ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް އަދި މިއަދުގެ ޒަމާނީ ޑިމޮކްރަސީއަށް ދިވެހިން ވާޞިލުވީ ރައްޔިތުން ދެއްކި ނަމޫނާއިން ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، 4,000 އަހަރުވީ ދިގު ތާރީޚުގައި މަދު އާބާދީއަކުން މި ބޮޑު ސަރަޙައްދު މިނިވަންކަންމަތީ ދަމަހައްޓާފައި އޮތުމަކީ މާތް ﷲ ދެއްވި މަތިވެރި ނިޢުމަތެއް ކަމަށާއި، އަމިއްލަ ވަޒަނެއް ނެތި ދުނިޔޭގެ އެތައް މިލިއަން އިންސާނުން ތަޙައްމަލުކުރަމުންދާ ހިތްދަތިކަމަށް ބަލައި ދިވެހިން އަބަދުވެސް ޝުކުރުވެރިވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، ޖުމްހޫރީ ދުވަހު އަޅުގަނޑުމެންގެ ޝުޢޫރަކަށް ވާންވީ ތަރައްޤީވެފައިވާ، ޒަމާނީ ކުރިއެރުންތަކުން މުއްސަނދިވެފައިވާ ރާއްޖެއެއް ދުށުމުގެ އުންމީދު ކަމުގައި ވިދާޅުވެފައެވެ.
އަދި ޤައުމުގެ ކުރިމަތީގައި ހުރި ދަތިތައް ހައްލުކުރުމަށް ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާކޮށް، އެންމެން ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.



