އިސްލާމްދީނަކީ މީހުންނާ މުއާމަލާތުކުރުމާއި ބަސްމޮށުމުގައި ވެސް ރިވެތި އަހުލާގު އިސްކުރާ ދީން ކަމަށާއި، ތިމާ ވާހަކަދައްކާ މީހަކީ ކިތަންމެ ނުބައިނުލަފާ މީހަކު ކަމުގައި ވިޔަސް، އިސްލާމްދީން އަންގަވަނީ މަޑުމައިތިރިކަމާ އެކު ރިވެތި ބަހުން ވާހަކަދެއްކުމަށް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
”އިސްލާމް ދީނަކީ ރިވެތި އަޚުލާޤުގެ ދީން“ މި މައުޟޫއަށް މިއަދު އިއްވި ހުތުބާގައި ބުނީ، އިސްލާމްދީނަކީ އިންސާނާއަށް ރިވެތި އަހުލާގާއި މަތިވެރި ސުލޫކު އުނގަންނައިދެއްވުމަށް މާތް ﷲ ބާވައިލެއްވި ދީން ކަމަށެވެ.
އަދި ކީރިތި ރަސޫލާ މުހައްމަދު ﷺ ފޮނުއްވުމުގެ މައިގަނޑު މަގުސަދަކީ ވެސް ރިވެތި އަހުލާގު ފުރިހަމަކުރެއްވުން ކަމަށާއި، ހެޔޮކަމުގެ މީޒާނުގައި ރިވެތި އަހުލާގަށް ވުރެ ބަރު އެއްވެސް އެއްޗެއް ނުވާކަން ހަދީސްތަކުން އެނގޭ ކަމަށް ހުތުބާގައި ފާހަގަކުރިއެވެ. އަދި އަހުލާގީ ރިވެތި ސިފަތަކަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭ ސިފަތަކެއް ކަމުގައި ވިޔަސް، މިއަދު ބައެއް މީހުންގެ ކިބައިން އެ މާތް ސިފަތައް ނުފެންނަކަމީ ހިތާމަހުރި ކަމެއް ކަމަށް ވެސް ބުންޏެވެ.
ހުތުބާގައި ބަޔާންކުރި ގޮތުގައި އިސްލާމީ އަހުލާގުގެ އެންމެ މުހިންމު އެއް ސިފައަކީ ކެތްތެރިކަމެވެ. ދުންޔަވީ ހަޔާތަކީ އަބަދު އެއްގޮތަކަށް އޮންނަ އެއްޗެއް ނޫން ކަމަށާއި، ތަނަވަސްކަމާއި ދަތިކަމާއި، ބަލިމަޑުކަމާއި ބިރުވެރިކަން ފަދަ އެކި އިމްތިހާނުތަކާ އިންސާނާ ކުރިމަތިލާންޖެހޭ ކަމަށް ބުންޏެވެ. އަދި އެފަދަ ހާލަތްތަކުގައި މީހުންނާ ދޭތެރޭ ކުށްހީކޮށް ހިތްނުބައިކުރުމުގެ ބަދަލުގައި، ކެތްތެރިކަން އިސްކުރަންޖެހޭ ކަމަށާއި، ދަތި ހާލަތެއް މެދުވެރިވާ ކޮންމެ ފަހަރަކު އެހެން މީހުންގެ މުދާ ފޭރި ވައްކަން ކުރުމަކީ ހުއްދަވާނެ ކަމެއް ނޫން ކަމަށް ހުތުބާގައި ހަނދާންކޮށްދިނެވެ.
މީގެއިތުރުން، އިސްލާމީ ބައެއް މުޖުތަމައުތަކުން މިއަދު ފެންނަ އަހުލާގީ ގޮތުން ދަށް ސިފަތަކުގެ ސަބަބުން އިސްލާމްދީނާ މެދު އެހެން މީހުން ޝައްކުގެ ނަޒަރަކުން ދުށުމަށް މަގުފަހިވެދާނެ ކަމުގެ އިންޒާރު ވެސް ހުތުބާގައި ދިނެވެ. އަދި މާތް ﷲ، މޫސާގެފާނާއި ހާރޫނުގެފާނު ފިރުއައުނުގެ ގާތަށް ފޮނުއްވި ހިނދު ވެސް އަމުރުކުރެއްވީ އޭނާއާ މަޑުމައިތިރި ބަހުން ވާހަކަދެއްކެވުމަށް ކަން ފާހަގަކޮށް، މީހުންނާ މުއާމަލާތުކުރުމުގައި އަބަދުވެސް މަޑުމައިތިރިކަން އިސްކުރުމަށް ގޮވާލިއެވެ. ހަމައެއާއެކު، އަނަސްގެފާނު ރަސޫލާ ﷺގެ އަރިހުގައި ހިދުމަތުގައި ހޭދަކުރެއްވި ދިހަ އަހަރު ދުވަހުގެ ތެރޭގައި އެކަލޭގެފާނު ދުވަހަކު ވެސް ނުރުހުމުގެ ކުޑަ ބަހެއް ވެސް ވިދާޅުނުވާކަން ހަނދާންކޮށްދީ، ތިމާގެ ބެލެހެއްޓުމުގެ ދަށުގައިވާ މީހުންނާއި މުވައްޒަފުންނާ މެދު މުއާމަލާތުކުރާ ގޮތާ މެދު ވިސްނުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
ހުތުބާ ނިންމާލަމުން ބުނީ، މުޖުތަމައެއް ތަހުޒީބީ ގޮތުން ކުރިއަރައިފައިވާކަމުގެ އެންމެ ފުރިހަމަ ނިޝާނަކީ ރިވެތި އަހުލާގުން ޒީނަތްތެރިވުން ކަމަށެވެ.
އެހެންކަމުން މާއްދީ ގޮތުންނާއި، އިގުތިސާދާއި ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރައިދިޔަ ނަމަވެސް، ރިވެތި އަހުލާގީ ސިފަތަކެއް ނެތް ނަމަ އެއީ ކުރިއަރާފައިވާ ބައެއް ކަމަށް ނުބެލެވޭނެ ކަމަށާއި، އަދި ހުކުރު ހުތުބާ ފަދަ ދީނީ ނަސޭހަތްތައް ކަނުލައި އަޑުއެހުމުގެ ރިވެތި ސިފަ މުޖުތަމައުގައި އަށަގަންނުވަން ޖެހޭ ކަމަށް ވެސް ބަޔާންކުރިއެވެ.




