ޣައްޒާގެ މެދުތެރޭގެ އެކި ސަރަޙައްދުތަކަށް ޔަހޫދީ އިސްތިއުމާރީ ބާރުތަކުން އަމާޒުކޮށް ފޮނުވާލި ޑްރޯން ހަމަލާތަކެއްގައި ފަލަސްޠީނުގެ 7 މީހަކު ޝަހީދުވެ، އިތުރު ބަޔަކު ޒަޚަމްވެއްޖެއެވެ.
ޞިއްޙީ ދާއިރާގެ މަޞްދަރުތަކާ ޙަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ދޭރު އަލް-ބަލާޙްގެ ބުރައިޖް ރެފިއުޖީ ކޭމްޕުގައި ދިރިއުޅޭ ޢާންމު ރައްޔިތުންނަށް އަމާޒުވި ޑްރޯން ހަމަލާގައި އެކަނިވެސް 4 މީހަކު ވަނީ ޝަހީދުވެފައެވެ.
އަދި އެ ސިޓީގެ ސަރަޙައްދީ އިން ކައިރީގައި ތިބި އާންމުންގެ ތެރެއަށް ދިން ހަމަލާގައި އިތުރު ދެ މީހަކު ދުނިޔެ ދޫކޮށްފައިވާއިރު، ނުސައިރާތު ރެފިއުޖީ ކޭމްޕަށް ޔަހޫދީން ދިން ހަމަލާގައި ޝަހީދުވި މީހެއްގެ ހަށިގަނޑު ވަނީ އަލް-ޢައުދާ ހަސްފަތާލަށް ގެންގޮސްފައެވެ.
މި ހަމަލާތަކާ ގުޅިގެން ޞިއްޙީ ޚިދުމަތްތެރިން ބުނަމުންދަނީ، ބޭސްފަރުވާގެ ސާމާނާއި ޑޮކްޓަރުންނާއި ނަރުހުން އިންތިހާއަށް މަދުވުމުގެ ސަބަބުން ޣައްޒާގެ މެދުތެރޭގެ ހޮސްޕިޓަލްތަކުގެ ޚިދުމަތްތައް މުޅިން ހުއްޓުމަކާ ދިމާއަށް ދަތުރުކުރަމުންދާ ކަމަށެވެ. މީގެއިތުރުން، ޖައްވުގައި މެދުކެނޑުމެއްނެތި ބުރުޖަހަމުންދާ ޑްރޯންތަކުގެ ބިރުވެރި އަޑުތަކާއި، އިމާރާތްތައް ގޮއްވާ އަޑުފައްގަނޑުގެ ސަބަބުން ޢާންމުންގެ މެދުގައި ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ. މަގުމައްޗަށް ނިކުމެ އުޅޭ ކޮންމެ ވަގުތަކީވެސް ހަމަލާއެއް އަމާޒުވެދާނެ ވަގުތަކަށް ވެފައިވުމުން، ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމަށްވެސް ރައްޔިތުންނަށް ވަނީ ހުރަސްއެޅިފައެވެ.
މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ޣައްޒާ ސިޓީގެ އިރުމަތީ އަލް-ޝުޖާޢިއްޔާ އަވަށުގައި ޔަހޫދީ ސިފައިން ވަނީ ޑްރޯން ބޭނުންކޮށްގެން ގިނަ ޢަދަދެއްގެ ގެދޮރު އެއްކޮށް ސުންނާފަތިކޮށްފައެވެ. އަދި ޚާން ޔޫނިސްގެ އިރުމަތީ ”ޔެލޯ ލައިން“ ސަރަޙައްދުގައިވެސް އިމާރާތްތައް ބިމާހަމަކުރުމުގެ ފުޅާ އޮޕަރޭޝަންތަކެއް ވަނީ ހިންގާފައެވެ. އދ. ގެ ސެޓެލައިޓް ސެންޓަރު (ޔޫ.އެން.އޯ.އެސް.އޭ.ޓީ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ޣައްޒާގެ ޢިމާރާތްތަކުގެ 82 އިންސައްތަ—އެއީ 201،290 އިމާރާތް—މިހާރު ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ ބިމާހަމަވެފައެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުންތަކާ ޔަހޫދީން ޚިލާފުވަމުންދާއިރު، އެ އެއްބަސްވުމަށްފަހު އެކަނިވެސް ފަލަސްޠީނުގެ 1،600 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
އޮކްޓޯބަރު 2023 ގައި ފެށި މި ލާއިންސާނީ ޤަތުލުޢާންމުގައި މިހާތަނަށް ޝަހީދުވި މީހުންގެ ޖުމްލަ ޢަދަދު 74،000 އިން މައްޗަށް އަރާފައިވާއިރު، ޒަޚަމްވި މީހުންގެ ޢަދަދު ވަނީ 176،000 ފަހަނައަޅާފައެވެ.




