ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރުން ސުޕްރީމް ކޯޓުގެ އިމާރާތުގައި ހުޅުޖެހުމަށް ހިތްވަރުދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާންގެ ބަންދުގެ މުއްދަތަށް ކޯޓުން އިތުރު 16 ދުވަސް ޖަހައިފިއެވެ.
މި މައްސަލައާ ގުޅިގެން ޒިހާން ހައްޔަރުކުރީ މިދިޔަ މަހުގެ ފަހުކޮޅު ކަމަށްވާއިރު، އޭނާގެ ބަންދަށް ފުރަތަމަ ޖެހީ 15 ދުވަހެވެ. ދެވަނަ ފަހަރަށް އޭނާގެ ބަންދަށް 14 ދުވަސް ޖެހިއިރު، މިފަހަރު އޭނާގެ ބަންދަށް ޖެހީ 16 ދުވަހެވެ.
މި މައްސަލައިގައި ޒިހާން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ދައުލަތުގެ އެ ތިން އިމާރާތުގައި ހުޅުޖެހުމުގެ ފުރުސަތު ދިވެހި ރައްޔިތުންނަށް ނުލިބެންވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި، އެ ތަންތަނުގައި ރޯކޮށްލުމަކީ ”މަޖާ“ ކަމަކަށް ވާނެ ކަމަށެވެ.
ރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައިވާ ގޮތުން ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ދިނުމާއި އެފަދަ ކަންކަމަށް ގޮވާލުމަކީ ޖިނާއީ ބޮޑު ކުށެކެވެ. އަދި އެފަދަ ކުށެއް ޝަރީއަތަށް ސާބިތުވެއްޖެ ނަމަ، 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.




