ޕަބްލިކް ސެކްޓަރ އިންވެސްޓުމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ދައުލަތުގެ ބަޖެޓުން މިހާތަނަށް 5.3 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއަހަރަށް ޕީއެސްއައިޕީ މަޝްރޫޢުތައް ހިންގުމަށް ބަޖެޓުގައި ކަނޑައަޅާފައިވަނީ ޖުމްލަ 6.5 ބިލިޔަން ރުފިޔާއެވެ.
މާލީ ވުޒާރާއިން އެންމެ ފަހުން ޢާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، މިމަހުގެ 12ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީއަށް 5.3 ބިލިޔަން ރުފިޔާ ވަނީ ޚަރަދުވެފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް 7.0 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ޕީއެސްއައިޕީގެ ދަށުން ސަރުކާރުން މައިގަނޑު ގޮތެއްގައި ކުރިއަށްގެންދަނީ އިޖުތިމާޢީ ޙާލަތު ރަނގަޅުކުރުމަށް ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، ބިންހިއްކުމާއި، އަދި ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަށް ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކެވެ.
ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ތެރެއިން ވަކިވަކި ދާއިރާތަކަށް ބަލާއިރު އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ އިޤްތިޞާދީ ދާއިރާއިންނެވެ. އެ ދާއިރާއަށް 2.3 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު، އޭގެ ތެރެއިން 2 ބިލިޔަން ރުފިޔާ ޚަރަދުކުރީ ދަތުރުފަތުރުގެ ދާއިރާއަށެވެ. މީގެ އިތުރުން ދައުލަތުގެ އާންމު ޚިދުމަތުގެ ދާއިރާއިން 780 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ދާއިރާއިން ޚަރަދުކުރީ 432 މިލިޔަން ރުފިޔާއެވެ.
ދައުލަތުގެ އާންމު ޚިދުމަތުގެ ދާއިރާއިން އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ބިންތައް ބެލެހެއްޓުމަށެވެ. އެއީ 775 މިލިޔަން ރުފިޔާއެވެ.
މާލީ ވުޒާރާގެ ހިސާބުތަކުން ދައްކާ ގޮތުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް މިހާތަނަށް 717 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އެ ދާއިރާއަށް ޚަރަދުކޮށްފައިވަނީ 600 މިލިޔަން ރުފިޔާއެވެ. އަދި ޞިއްޙީ ދާއިރާއަށް މި މުއްދަތުގައި 359 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ދާއިރާއަށް ހޭދަކުރީ 329 މިލިޔަން ރުފިޔާއެވެ.
ޕީއެސްއައިޕީ މަޝްރޫޢުތަކަށް ކުރި ޚަރަދު ދަށްވުމަކީ މަޝްރޫޢުތައް ހިންގުމުގެ ޚަރަދު ހަރުދަނާ ގޮތެއްގައި ބެލެހެއްޓެމުންދާކަން ހާމަވާ ކަމެއް ކަމަށް މާލީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އަދި މި އަހަރުން ފެށިގެން މަޝްރޫޢުތައް ހިންގުމުގައި ލިބޭ ފައިދާއަށް ބަލާނެ ކަމަށާއި، އަލަށް ފަށާ މަޝްރޫޢުތަކުގެ ބޭނުންތެރިކަން ދެނެގަތުމަށް ޕްރޮޖެކްޓް ޕްރިޕަރޭޓަރީ ފަންޑެއް ޤާއިމްކޮށް، ދިރާސާތައް ހެދުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށްވެސް އެ ވުޒާރާއިން ހާމަކުރެއެވެ.




