ސޯޝަލް މީޑިއާގެ ވަސީލަތްތައް ވަކި އުމުރުފުރައެއްގެ ކުދިންނަށް ރެސްޓްރިކްޓް ކުރުމުގެ ސިޔާސަތެއް އެކުލަވައިލުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށާއި، ނަމަވެސް މިއީ އާންމު ރައްޔިތުންނަށް ސޯޝަލް މީޑިއާ ބޭން ކުރުމަށް ކުރާ ކަމެއް ނޫން ކަމަށް ހޯމްލޭންޑް މިނިސްޓޭު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
މި ސިޔާސަތުގެ ދަށުން އެކުލަވާލަނީ އިންޓަނެޓާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާތަކުން އެ ކުދިން ރައްކާތެރިކުރުމުގެ ގޮތުން ކަމަށެވެ. މުޅިި ސޯޝަލް މީޑިއާ ބޭން ނުކުރެވޭނެ ކަމަށާއި، ރެސްޓްރިކްޓު ކުރެވޭނީ ވަކިވަކި އެޕްސް ނުވަތަ ވެބްސައިޓުތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން އިހުސާން ވިދާޅުވީ މި މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން ކެބިނެޓްގެ ސަބް ކޮމިޓީއެއްގެ ގޮތުގައި އޮންނަ ސޯޝަލް ކައުންސިލްގެ މަޝްވަރާއާއި ލަފައަށް އެދި އިއްޔެ ޕޭޕަރެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިކަމުގައި ކުރިއަށްދާނީ އެ ކައުންސިލްގެ ލަފާ ލިބުމުން، މަދަނީ ޖަމްޢިއްޔާތަކާއި ކަމާގުޅޭ އެހެނިހެން ފަރާތްތަކުގެ އިތުރުން އާންމު ރައްޔިތުންގެ ޚިޔާލާއި މަޝްވަރާވެސް ހޯދައިގެން ކަމަށް ވެސް ވިދާޅުވިއެވެ.



