ބިރުވެރި ނާމާން ތަންތަނަށް ގޮސް، އެތަންތަނުގެ ތަޖުރިބާ ކޮށްލުމަކީ ކޮންމެ މީހަކުވެސް ހަގީގަތުގައި ވަރަށް ކުރާހިތްވާނެ ކަމެކެވެ. ބައެއް މީހުންނަކީ ވަރަށް ފަސޭހައިން ބިރުގަންނަ ބަޔަކަށްވީ ނަމަވެސް، ނާމާން ވާހަކަތައް އަޑު އަހާ، އެމީހަކަށް ރައްކާތެރިކަމުގެ އިހުސާސު ކުރެވޭ މީހަކާ ނުވަތަ ބަޔަކާ އެކީ އެފަދަ ތަންތަނަށް ގޮސް އެތަންތަނުގެ ތަޖުރިބާ ހޯދާ ހިތްވާ މީހުން މަދެއް ނޫނެވެ.
މިއީ ބްރިޓަންގައި ހުރި އެފަދަ ބައެއް ބިރުވެރި އަދި ނާމާން ތަންތަނުގެ ވާހަކައެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި މިތަންތަނުގައި ކުރިން ހިނގި އެކިއެކި ހާދިސާތަކުގެ ސަބަބުން އެކަންކަމުގެ ނާމާންކަން އަދިވެސް އެތަނުގައި ހަރުލާފާ އެބަހުއްޓެވެ.
- ސްކިރިޑް އިން، އެބަރގަވެނީ ވޭލްސް
ސްކިރިޑް އިން އަކީ މީގެ 900 އަހަރު ކުރިން ކޯޓްހައުސްއަކާއި ޖަލެއްގެ ގޮތުގައި ބޭނުންކުރި ތަނެކެވެ. މުޅިއަކު ދެ ފަންގިފިލާ ހުންނަ އެތަނަކީ ކުރިން ކުށްވެރިން ޖަލު ބަންދު ކުރުމުގެ އިތުރުން، މަރުގެ ހުކުމް އިއްވާފައި ތިބި އެތައް ބަޔަކު ދަންޖައްސާ މަރާފައިވެސް ވެއެވެ.
ނަމަވެސް މިހާރު އެތަނުގެ ތިރީ ފަންގިފިލާގެ ވަކި ބައެއް ހުންނަނީ ވަރަށް ރީތިކޮށް ހަދައި، އެތަނަށް ޒިޔާރަތް ކުރަން ބޭނުންވާ މީހުންނަށް ގެސްޓުރޫމެއް ވެސް ހަދާފައެވެ. ޒިޔާރަތް ކުރާ މީހުން މަޑުކޮށްލަން ހަދާފައި ހުރި ކޮޓަރި ކިތަންމެ ހިތްގައިމު ކަމުގައި ވިޔަސް އެތަނުގައި އެކަކަށް ވެސް މާގިނަ ވަގުތަކު މަޑުކުރާކަށް ނުކެރެއެވެ. ސަބަބަކީ މަތީ ފަންގިފިލާއިން އިވޭ ނާމާން އަޑުތަކެވެ. ބިއްލޫރި ތެޅޭ އަޑާއި އެކި އަޑުއަޑުން މީހުންގެ ހުނުމުގެ އަޑާއި ރޯ އަޑެވެ.
- ޗިލިންގަމް ކާސްލް، ނޮތަމްބަރލޭންޑް
ޤުދުރަތީ ގޮތުން ރީތި ސަރަހައްދެއްގައި ހަދާފައި ހުރި ޗިލިންގަމް ކާސްލް އަކީ މިހާރު އެސަރަހައްދުގައި ހުރި އެންމެ ނާމާން އެއްތަން ކަމުގައި ރިޕޯޓުތަކުން ބުނެއެވެ. އިންގްލެންޑްގެ ރަސްގެފާނެއް 1344 ހާ ހިސާބު ދިރިއުޅުނު މި ގަނޑުވަރު ނާމާންވީ އެތަނަށް ސްކޮޓްލޭންޑުގެ ބަޔަކު އެތަނަށް ވެރިވެގަނެ ދިން ހަމަލާތަކަކަށްފަހުއެވެ.

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އެތަނުގައި ކުށެއް ނެތް އެތައް ބަޔަކު ހައްޔަރުކޮށް އެމީހުންނަށް އެކިވަރުގެ އަނިޔާދީ މަރާ ހެދިއެވެ. އެގޮތަށް މީހުން މެރި އެކަކީ ޖޯން ސޭޖް އެވެ. އޭނާ މީހުން މަރަން އެއިރު ގެންގުޅުނު ހަތިޔާރުތަކާއި އެކި އެއްޗެހި އެތަނަށް ޒިޔާރަތް ކުރާ މީހުންނަށް ދައްކާލަން މިހާރުވެސް އެތަނުގައި ބަހައްޓާފައި ހުރެއެވެ.
އެތަނުގެ ވާހަކަ ކިޔާދިން ބައެއް މީހުން ބުނާ ގޮތުގައި އެތަނުން މިހާރު ވެސް ކުޑަ ފިރިހެން ކުއްޖަކާ އަންހެނެއް ފެނެއެވެ. އެއީ އިންސާނުންނެއް ނޫންކަން އެމީހުން ޔަގީންކުރެއެވެ. ސަބަބަކީ އެތަނަށް ޒިޔާރަތް ކުރި ބައެއް މީހުންގެ ލޯ ކުރިމަތީގައި އެމީހުން ހަމަ ހުރެފަ ގެއްލުން ކަމުގައި ވެސް ބުންޏެވެ. ބައެއް މީހުން ކައިރީ އެއަންހެން މީހާ ފެންފޮދެއް ދޭން ވެސް ބުނި ކަމަށާއި އެކަމަކު ހަމަ ހުރެފަ ގެއްލުނު ކަމަށް ވެސް ބުނެފައިވެއެވެ.
- އޭންޝަންޓް ރޭމް އިން
މިތަނަކީ ވެސް ޤުދުރަތީ ގޮތުން ރީތި ސަރަހައްދެއްގައި ހަދާފައި ހުރި ތަނެކެވެ. ނަމަވެސް އެތަނަށް ވަނުމުން ކުއްލިއަކަށް މުޅި މާހައުލު ބަދަލުވާ ކަމާއި ނާމާންކަން ވަށައިގެން ވެރިވެގަންނަ ކަމަށް އެތަނަށް ޒިޔާރަތްކުރި ބައެއް މީހުން ބުނެފައިވެއެވެ.

އެގޮތުން ކުއްލިއަކަށް ފިނިވާން ފެށުމާއި، އެތެރޭގައި އެހާ އަލިކަމެއް ނެތުމުގެ އިތުރުން ފާރުގައި ހަރުކޮށްފައި ހުރި އެއްޗެހިން ވެސް މީހުން ބިރުން ހަލާކުވާވަރު ވެއެވެ. އޭގެ ތެރެއިން އެކައްޗަކީ މަރާލާފައިވާ އެހެންނަމަވެސް ”މަމީ“ އަކަށް ހަދާފައިވާ ބުޅަލެކެވެ. އޭގެ އިތުރުން ކުރިން ސިހުރު ހަދަން މަރާލާފައިވާ އަންހެނަކާއި ކުޑަ ދެކުދިންގެ ހަށިގަނޑު ބާއްވާފައި އޮތްތަން ކަމަށް ބުނެ މާކު ކޮށްފައި ހުރި ނިޝާންތަކެއް ތަޅުންގަނޑުގައި ހުރިކަމަށް ވެސް ބުންޏެވެ.
އެތަނުގައި ހުންނައިރު ރޫހާނީ އެއްޗެހިތަކެއް ކައިރިންދާ ކަމުގެ އިހުސާސު ކުރެވުނު ކަމަށާއި އިރުއިރުކޮޅާ ދިއްލާފައި ހުރި ބޮކިތައް ވެސް ނިވޭ ކަމަށް ބުނެފައިވެއެވެ.



