ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ގްލޯބަލް ސިޓިޒަން އެވޯޑު އިއްޔެ ލިބިވަޑައިގެންފި އެވެ.
ރެސިޑެންސް އެންޑް ސިޓިޒަންޝިޕްގެ ތަޖުރިބާކާރު ފާމް، ހެންލީ އެންޑް ޕާޓްނާސް އިން ސިންގަޕޫރުގައި ބޭއްވި 18 ވަނަ ކޮންފަރެންސްގައި ރައީސް ނަޝީދަށް މި އެވޯޑު ދެއްވާފައިވަނީ ތިމާވެށި ހިމާޔަތްކުރުމާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރުމުގެ ރޮނގުން އެމަނިކުފާނު ކުރެއްވި މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.
މި އެވޯޑާއެކު ރައީސް ނަޝީދަށް އިޓަލީގެ މަޝްހޫރު އާޓިސްޓެއް ކަމަށްވާ އެންޓޯނިއޯ ނޯސެރާ ޑިޒައިންކޮށްފައިވާ މެޑަލަކާއި ގްލޯބަލް ސިޓިޒަން އެވޯޑް ކޮމިޓީގެ ޗެއާމަން ސޮއިކުރެއްވި ސެޓްފިކެޓު އަދި 20،000 ޑޮލަރު ވެސް ލިބިލައްވާފައިވެއެވެ.
ރައީސް ނަޝީދު މިހާރު ދިރިއުޅުއްވަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް ގާނާގަ އެވެ. އެގޮތުން އެ ފޯރަމް ހިންގެވުމުގެ އިސްވެރިއެއްގެ ހައިސިއްޔަތުން 70 ގައުމެއް ތަމްސީލުކޮށް، ވަކާލާތުކުރެއްވުމުގެ މަސައްކަތް އެމަނިކުފާނު ދަނީ ކުރައްވަމުންނެވެ.



