ހުރަވީ ދުވަހަކީ ޤައުމަށް އަމާނާތްތެރިވުމާއި ޤައުމަށް ޚިޔާނާތްތެރިވުމުގެ މިސާލުވެސް ފެންނަ ދުވަހެއް ކަމުގައި ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވަނީ މިއަދަކީ ހުރަވީ ދުވަހަށްވުމާއެކު ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ މިދުވަހުގެ ބަޠަލު، ދޮންބަންޑާރައިންގެ މަތިވެރި ޖިހާދާއި ރީތި އަޚުލާޤަކީ މިއަދު ލިބިގަންނަންވީ އެންމެ އަގުހުރި ފިލާވަޅު ކަމަށެވެ.
ހިޖުރީގޮތުން ކޮންމެ އަހަރެއްގެ ޖުމާދުލްއާޚިރާ މަހުގެ 3 ވަނަ ދުވަހަކީ ރާއްޖޭގެ ހުރަވީ ދުވަހެވެ.
ރާއްޖޭގެ ތާރީޚުގައި މިދުވަސް ނިސްބަތްވަނީ ހިޖުރީ ގޮތުން 1166 ވަނަ އަހަރުގެ ޖުމާދިލްއާޚިރާ މަހުގެ ތިންވަނަ ދުވަހު، ދޮންބަންޑާރައިން އިސްވެހުންނަވައިގެން މާލާބާރީން ނުވަތަ ހޮޅީން (ޕޯޗުގީޒުން) ގެ ކިބައިން ރާއްޖޭގެ މިނިވަންކަން ސަލާމަތް ކުރެއްވި ހާދިސާގެ މައްޗަށެވެ.
ހޮޅީންގެ އަނިޔާވެރިކަމުން ރާއްޖެ ސަލާމަތް ކުރެއްވުމުން ދޮންބަންޑާރައިންނަށް ރާއްޖޭގެ ވެރިކަން ނުވަތަ ރަސްކަން ހައްޤުކަމަށް އެޒަމާނުގައި ގިނަ ބަޔަކު ދެކުނެވެ. އަދި ވެރިކަން ޤަބޫލުފުޅު ކުރެއްވުމަށް ރައްޔިތުން އެދުމުން އެކަން ޤަބޫލުފުޅު ނުކުރައްވާ، ވަގުތީގޮތުން ޤައުމު ހިންގެވުމާ ހަވާލުވެވަޑައިގެންނެވިއެވެ.
ދޮންބަންޑާރައިން ރާއްޖޭގައި ވަގުތީގޮތުން ރަސްކަން ކުރެއްވީ ހޮޅިން ރާއްޖެއަށް ވެރިވެގަތް ދުވަސްވަރު ހުންނެވި ރަދުން އައްސުލްޠާން މުކައްރަމް މުޙަންމަދު ޢިމާދުއްދީނު، މަލިކުގައި ހުންނަވައި އަވަހާރަވުމަށް ފަހު، ހިޖުރައިން 1173 ވަނައަހަރުގެ ރަބީއުލްއާޚިރާ މަހުގެ 15 އިން ފެށިގެން ހިޖުރައިން 1180 ވަނައަހަރުގެ ރަމަޟާން މަހުގެ 2 ވަނަ ދުވަހާ ހަމައަށެވެ.



