ހައްޖަށް ދާން އަންނަ އަހަރަށް ޖާގަ ލިބިފައިވާ އެންމެންނަށް ހައްޖަށް ދެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ހައްޖަށް ދާން ޖާގަ ލިބުމުގެ ލިސްޓުގެ ކުރީގައި ތިބި ބައެއް މީހުންގެ ނަންތައް މިހާރު ފަހަތަށް ޖެހިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ އަޑުތައް ފެތުރެމުންނެވެ. އަދި އެކަމާ ގިނަ ބަޔަކު ކަންބޮޑުވުންފާޅުކޮށް އެއީ އިންސާފުން ބޭރުން ކޮށްފައިވާ ކަމެއް ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީއާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވެސް ކިޔާފައިވެއެވެ.
މިކަންބޮޑުވުންތަކާ ގުޅިގެން މިމަހުގެ 3 ވަނަ ދުވަހު މިނިސްޓަރ ޝަހީމް ”އެކްސް“ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 1446 (2025) ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ޖާގަ، ހައްޖު ކޯޕަރޭޝަންގެ ސިސްޓަމްގެ ތެރެއިން ޔަޤީންކަން ދެވިފައިވާ އެންމެހައި ފަރާތްތަކަށް ޙައްޖަށް ދިއުމުގެ ފުރުސަތު އިންޝާ ﷲ ލިބޭނެ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ނިންމާފައިވަނީ އަންނަ އަހަރު ހައްޖުގެ އަޅުކަން ކުރުމަށް މައްކާއަށް ދިޔުމަށް ރާއްޖެއަށް ލިބޭ ހުރިހާ ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދިނުމަށެވެ.



