ދެކުނުގެ ރަށެއްގެ ޓީޗަރަކު ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަތަކެއް ދެއްކި މައްސަލައިގައި ހައްޔަރު ކުރި މީހާގެ މައްސަލަ ޕީޖީއަށް ފޮނުވައިފިއެވެ.
މިމައްސަލައާ ގުޅޭގޮތުން އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދެކުނުގެ ސެންޓްރަލް ޕޮލިސް (މ، ފ، ތ، ދ، އަދި ލ އަތޮޅު ހިމެނޭ) ރަށެއްގެ ސްކޫލެއްގައި މަސައްކަތް ކުރާ ފިރިހެން ޓީޗަރަކު، ދަރިވަރުންގެ އުމުރާއި ނުގުޅޭ ވާހަކަދައްކާ، ގްރޫމް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެ މަހުގެ 17 ވަނަ ދުވަހު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
ފުލުހުން މިއަދު ވިދާޅުވީ މިމައްސަލައާ ގުޅިގެން އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނަކު އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ކަމަށާއި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަސް ހާޒިރުކުރުމުން 20 ދުވަހުގެ މުއްދަތެއް ކޯޓުން ޖެހި ކަމަށެވެ. އަދި ދެވަނަ ފަހަރަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކުރި ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މިމައްސަލައިގެ ތަހުގީގު ނިންމައި ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަކަށްވާތީ، ކުދިންގެ ވަނަވަރު ރައްކާތެރި ކުރުމުގެ ގޮތުން އެކުދިންގެ އަތޮޅާއި ރަށް އަދި އެނޫންވެސް މައުލޫމާތު ފުލުހުން ހިއްސާ ކޮށްފައެއް ނުވެއެވެ.



