ފައިސާ ނުދީގެން އަމިއްލަ މަންމައަށް އަނިޔާކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ މާލެއަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެމީހާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިދިޔަ މަހުގެ 27 ވަނަ ދުވަހު ހާޒިރު ކުރުމުން، އޭނާގެ ބަންދަށް ހަތް ދުވަސް ޖަހާފައިވެއެވެ. އެ މުއްދަތު ހަމަވެގެން އިއްޔެ ކޯޓަށް ހާޒިރު ކުރުމުން އިތުރު 8 ދުވަސް މިހާރު އޭނާގެ ބަންދަށް ވަނީ ޖަހާފައެވެ.
އޭނާ ބަންދުކުރަން ނެރުނު ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާ ކުށްކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް ސީނަށް ދިޔަ ފުލުހުންގެ ބަޔާން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ފެމިލީ ކޯޓުން ނެރެފައިވާ ގެވެށި އަނިޔާއިން ރައްކާތެރި ކުރުމުގެ އަމުރަކާ ހިލާފަށް އެ މީހާގެ މަންމަގެ އަތުން ގަދަކަމުން ފައިސާ ހޯދަން އުޅެ، ބިރުދައްކައި، ގައިގައި ޖަހައި މާރާމާރީ ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް އަމުރުގައިވެއެވެ.
މީގެއިތުރުން އެމީހާއަކީ އޭނާގެ މަންމައަށް އަނިޔާކުރުން، ޖެހުން ނުވަތަ މާރާމާރީ ހިންގުން ފަދަ މައްސަލަތަކުގެ ރެކޯޑު އޮތް މީހެއް ކަމަށް ވެސް އަމުރުގައި ބަޔާންކޮށްފައިވެއެވެ.




