މަތީ ތައުލީމު ހާސިލު ކުރަމުންދާ ފަރާތްތަކުން ކޯހުން ފާސްވުމަށްޓަކައި އެސެސްމަންޓުތަކުން %50 ހޯދަން ޖެހޭ ގޮތަށް ނިންމައި، ލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ”ގައިޑްލައިންސް ފޯ ޕްރޮގްރާމް އެކްރެޑިޓޭޝަން“ގެ އުޞޫލަށް އިސްލާޙުތަކެއް ގެނެސްފިއެވެ.
މަތީ ތައުލީމު ހާސިލުކުރާ ބައެއް ފަރާތްތަކުން، ކޯހުގައި ހަދަންޖެހޭ އެސެސްމަންޓުތައް އެހެން މީހުން ލައްވާ ހެދުވުމާއި، ޗެޓް ޖީޕީޓީ ބޭނުންކޮށްގެން ހެދުމުގެ އިތުރުން އެސެސްމަންޓު ގަނެ ވިއްކުމުގެ މައްސަލައަކީ ފަހަކަށް އައިސް ވަރަށް ގިނައިން ފެންމަތިވަމުން އަންނަ މައްސަލައެކެވެ.
އެމްކިޔުއޭ އިން ”ގައިޑްލައިންސް ފޯ ޕްރޮގްރާމް އެކްރެޑިޓޭޝަން“ގެ އުޞޫލަށް އިސްލާޙުތަކެއް ގެންނަން ނިންމީ މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.
އެހެންކަމުން މި އިސްލާހުގެ ދަށުން މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުން ކޯސްތަކުން ފާސްވުމަށްޓަކައި ކޮންޓްރޯލްޑް އެސެސްމަންޓްތަކުން %50 ފާސްވާން ޖެހޭގޮތަށް އެމްކިޔުއޭ އިން މިހާރު ވަނީ ހަދާފައެވެ.
އެ އޮތޯރިޓީން ގެނައި މި އިސްލާހުގައި ވަނީ ތައުލީމުދޭ މަރުކަޒުތަކުގައި ހިންގުމަށް ކުރިން ހުއްދަ ދީފައިވާ ކޯސްތައް ކުރިއަށް ގެންދިޔުމުގައިވެސް އަމަލު ކުރަންޖެހޭ ކަންތައްތައް ހިމަނާފައެވެ. އެގޮތުން ޕްރޮގްރާމްގެ ކޮންމެ މޮޑިއުލެއް ނުވަތަ ޔުނިޓަކަށް އެސެސްމަންޓަށް ބޭނުންވާ މިންގަނޑުތައް ސާފުކޮށްދީފައި ހުރުމާއި ދަރިވަރުގެ ގާބިލުކަން ވަޒަންކުރެވޭނެ، މަދުވެގެން އަމިއްލަ އެއް މަސައްކަތް، ލިޔުމުން ނުވަތަ އެހެން ގޮތަކުން، ދަރިވަރުން އުފައްދަން ޖެހޭނެކަމަށް މި އުޞޫލްގައިވެއެވެ.



