އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ ރައީސް ފުއާދު ތައުފީގު، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަނު ކުރައްވައިފިއެވެ.
އީސީގެ ރައީސްކަމުން ފުއާދު ވަކިވެވަޑައިގެންނެވީ އެ ކޮމިޝަންގެ މެންބަރުކަމުގައި ދެ ދައުރު ފުރިހަމަވުމުން، މިދިޔަ މަހުއެވެ. ގާނޫނުގައިވާ ގޮތުގައި އީސީގެ މެންބަރުކަން އަދާ ކުރެވޭނީ ގިނަވެގެން ދެ ދައުރަށެވެ.
އެއަށްފަހު ރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާ ސަފީރެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފުއާދުގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ. އަދި މަޖިލިހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މިދިޔަ އަންގާރަ ދުވަހު ވަނީ، ތައިލެންޑުގެ ސަފީރެއްގެ ގޮތުގައި ފުއާދު އައްޔަނު ކުރެއްވުމަށް ރުހުންދީ ފާސްވެސް ކުރައްވާފައެވެ.
ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ފުއާދު އައްޔަނު ކުރައްވާފައިވާކަން ”ސައުވީސް“ އަށް ވަނީ މުއުތަބަރު ފަރާތަކުން ޔަގީންކޮށްދެއްވާފައެވެ. އެގޮތުން އެ މަގާމަށް ފުއާދު އައްޔަނު ކުރެއްވީ މިދިޔަ މަހުގެ 24 ވަނަ ދުވަހުކަން ވެސް އެނގިފައިވެއެވެ.
އެމަގާމަށް ފުއާދު އައްޔަނު ކުރައްވާފައިވީ ނަމަވެސް، ތައިލެންޑަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަމުގެ މަގާމަށް އައްޔަނު ކުރެއްވުމަށް އެމަނިކުފާނަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ރުހުން ލިބޭ ހިސާބުން، ދެން އެމަނިކުފާނު ބަދަލުވާނީ އެމަގާމަށެވެ.



