ރާއްޖޭގައި އުޅޭ ބިދޭސީން އެކި ސަރަހައްދުތަކުގައި މާރާމާރީ ހިންގަމުން އަންނަ މައްސަލަ އިންތިހާއަށް ބޮޑުވެއްޖެކަމުގެ ކަންބޮޑުވުންތަކެއް އުފެދިއްޖެއެވެ.
އަތޮޅުތެރޭގެ ބައެއް ރަށްތަކާއި، މާލެސިޓީގައި ވެސް މިފަދަ މާރާމާރީގެ މައްސަލަތައް ހިނގަމުން އަންނަކަން ވަނީ ސަމާލުކަމަށް އައިސްފައެވެ.
އެގޮތުން ގިނަ ބަޔަކު ފާހަގަކޮށްފައިވަނީ، އާންމުކޮށް ހަފްތާ ބަންދު ދުވަސްތަކުގައި އަދި ޚާއްސަކޮށް ހުކުރު ދުވަހު ގިނަ އަދަދެއްގެ ދިވެހިންނާއި ބިދޭސީން ވެސް ގޮސްއުޅޭ ހުޅުމާލޭ ސެންޓްރަލް ޕާކާއި މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި މިފަދަ މާރާމާރީގެ މައްސަލަތައް އިތުރުވަމުން އަންނަ ކަމެވެ.
މިފަދަ މާރާމާރީގެ މައްސަލައެއް އިއްޔެ އިރުއޮއްސުނު ގަޑީގައި ވެސް އާޓިފިޝަލް ބީޗު ސަރަހައްދުގައި ބިދޭސީންތަކެއް ވަނީ ހިންގާފައެވެ. މި މާރާމާރީ ހިންގާފައިވަނީ އެ ސަރަހައްދަށް އިއްޔެ ދިޔަ އިންޑިއާގެ ރައްޔިތުންތަކެއްގެ މެދުގައި ހަމަނުޖެހުމެއް ހިނގައި، ޒުވާބުކޮށް މައްސަލަ ހޫނުވެގެން ކަމަށް މަންޒަރު ދުށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.
އެވަގުތު އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ތިބިކަމަށާއި މާރާމާރީގެ އެމަންޒަރުތައް ފެނުމުން އެކުދިންނަށް ނަފްސާނީ ގޮތުން ވަރަށް އަސަރުކޮށްފައިވާކަމަށް ބުނެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ކަންބޮޑުވުންފާޅު ކޮށްފައެވެ. ހަމަނުޖެހުން ހިންގި މީހުންގެ ތެރެއިން އެކަކު އެ ވަގުތު އެ ސަރަހައްދުގައި ހުރި ކުޑަ ކުއްޖެއްގެ ގައިގާ ޖެހިފައިވެ އެވެ. އެ ކުއްޖާ ބެލެނިވެރިޔާ ވަނީ އެކަމާ ނުރުހުން ފާޅުކޮށް، ފުލުހަށް ރިޕޯޓް ވެސް ކޮށްފަ އެވެ. ނަމަވެސް ފުލުހުންނަށް އެ ސަރަހައްދަށް ދެވުނުއިރު ހަމަނުޖެހުން ހިންގި ބިދޭސީންތައް ވަނީ އެތަނުން ގޮސްފައެވެ.
މީގެއިތުރުން ބިދޭސީން ތަކުރާރުކޮށް މިފަދަ މާރާމާރީތައް ހިންގަމުން އަންނައިރު އެމީހުންނާމެދު އެދެވޭ ފިޔަވަޅެއް ނޭޅުމާއި އެމީހުން ހުއްޓުވަން ވެސް އަވަހަށް އެތަނަށް ނުދާކަމަށް ބުނެ އާންމު ރައްޔިތުން ވަނީ ފުލުހުންނަށް ފާޑު ކިޔައިފައެވެ.
އިއްޔެ ހިނގި މާރާމާރީއާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިއްޔެ އިރުއޮއްސި 6:22 ގައި އާޓިފިޝަލް ބީޗު ސަރަހައްދުގައި ބަޔަކު މާރާމާރީ ހިންގި މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި އަދި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާއި ނަމަވެސް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް އޮފިޝަލު ވިދާޅުވެފައިވެއެވެ.




