އިއްޔެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ހިނގި މާރާމާރީގައި ޝާމިލުވާ ހުރިހާ ބިދޭސީންނާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަހީދު ވިދާޅުވެއްޖެއެވެ.
އާޓިފިޝަލް ބީޗު ސަރަހައްދުގައި އިއްޔެ އިރުއޮއްސުނު ވަގުތު އިންޑިއާ އަށް ނިސްބަތްވާ ބިދޭސީންތަކެއް ވަނީ ހަމަނުޖެހުން ހިންގައި، ޒުވާބުކޮށް އަދި މާރާމާރީވެސް ހިންގާފައެވެ.
މި މާރާމާރީ ހިންގިއިރު އެތަނުގައި ގިނަ އަދަދެއްގެ ދިވެހިންނާއި ކުޑަކުދިންވެސް ތިއްބެވެ. އަދި އެތަނުން އެއް ބިދޭސީއަކު ވަނީ އެތަނުގައި އެވަގުތު ހުރި ކުޑަ ކުއްޖެއްގެ ގައިގައި ޖެހިފައި ކަމަށާއި ކުއްޖާގެ ބެލެނިވެރިން އެމައްސަލަ ފުލުހަށް ރިޕޯޓުކުރި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ރާއްޖޭގައި އުޅޭ ބިދޭސީން މިފަދައިން މާރާމާރީ ހިންގާ މައްސަލަތައް މިހާރު ތަކުރާރުވަމުންދާތީ ގިނަ ބަޔަކު ވަނީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވުންފާޅު ކޮށްފައެވެ.
މިކަމާ ގުޅިގެން ޝަމްޢާން ރޭގައި ”އެކްސް“ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިއްޔެ އިރުއޮއްސުނު ވަގުތު އާރޓިފިޝަލް ބީޗު ސަރަހައްދުގައި މާރާމާރީ ހިންގާ އާއްމު މަސްލަހަތު ނަގާލުމުގައި ބައިވެރިވެފައިވާ ބިދޭސީންގެ މައްސަލަ ޓާސްކް ފޯހުން މިހާރު ބަލަމުންދާ ކަމަށާއި މިކަމުގައި ޝާމިލުވެފައިވާ ބިދޭސީންނަށް ފިޔަވަޅު އަޅާނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.
އިމިގްރޭޝަނުން އަންނަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުން، އެފަދަ ބިދޭސީންނާމެދު ފިޔަވަޅު އަޅަމުންނެވެ.




