ބޭނުންފުޅުވަނީ މަސްވެރިކަމުގެ ހުރިހާ ކޮންޓްރޯލެއް މަސްވެރިންނަށް ދިނުން ކަމަށާއި އެއްވެސް ކޮންޓްރޯލެއް ސަރުކާރުން ނަގަން ބޭނުންފުޅު ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ކ. އަތޮޅަށާއި އއ. އަތޮޅުގެ ރަށްތަކަށް މިއަދު ހެނދުނު ފައްޓަވާފައިވާ ދަތުރުފުޅުގައި އއ. ރަސްދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ ރަސްދޫގެ ރައްޔިތުން ބޭނުންވާ ގިނަ ކަންކަން އެބަހުރި ކަމަށާއި އެރަށުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދަވާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓަކީ ރަސްދޫއާއި މުޅި ރާއްޖޭގައި ވެސް މަޝްރޫޢުތައް ހިންގޭނެ ބަޖެޓެއްކަން ރައީސް މުޢިއްޒު ވަނީ ފާހަގަ ކުރައްވާފައެވެ.
”ތަޅެއް އަޅުވާފަ އޮތް ބަޖެޓެއް ވީމަ ތަރައްޤީގެ މަޝްރޫއުތަކަށް އެހާ އިސްކަން ނުދެވޭނެގޮތަށް އޮތީ. މަޝްރޫޢުތަކަށް ވަރަށް ކުޑަ އަދަދެއް ކަނޑައަޅާފައޮތީ. އެގޮތަށް މުޅި ރާއްޖެ އޮތީ. އެހެންވީމަ ވީވަރަކުން ކަންކަންކުރީ، ކޮންސްޓްރަކްޝަން ދާއިރާއިންވެސް 50 ބަނދަރު ނިމިއްޖެ. އެނޫން ވުޒާރާއިންވެސް އެބަކުރޭ. އަޅުގަނޑުގެ އެކްސްޕެކްޓޭޝަނާ އެއްގޮތަށްނޫން ކަންކަން ދިޔައީ. ނަމަވެސް އަންނަ އަހަރު ވަރަށް ގިނަ ކަންކަން ކުރެވޭނެ. ވަޢުދުވެފައިވާ ކަންކަމަށް އިސްކަންދޭނަން“ ކުރީ ސަރުކާރުން މިއަހަރަށް ފާސްކުރި ބަޖެޓުގެ ސަބަބުން ގިނަ ކަންކަން ނުކުރެވުންކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ރަސްދޫއާއި އެނޫންވެސް ރަށްރަށަށް އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ އެންމެ މަޝްރޫޢެއްވެސް ދޫކޮށް ނުލައްވާނެކަމަށެވެ. އެގޮތުން ރަސްދޫގެ ބަނދަރު ތަރައްޤީކުރުމާއި، އައިސްޕްލާންޓް ޤާއިމްކުރުމާއި، އެނޫންވެސް މަޝްރޫޢުތައްވެސް ހިނގާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.



