ޓޫރިޒަމް ވިޔަފާރިތަކާއި ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ޑޮލަރު މާރުކުރުމަށް ބިލުގައި ހިމަނާފައިވާ ދެ އިހުތިޔާރުން ވެސް ނުކުންނާނީ އެއް ނަތީޖާއެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މުޢިއްޒު އއ. އަތޮޅާއި ކ. އަތޮޅުގެ ރަށްތަކަށް އިއްޔެ ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހުރާއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ޑޮލަރުގެ ތާށިކަމަކީ ވާރުތަވެފައިވާ އިޤްތިޞާދީ މައްސަލައެއްކަމަށެވެ.
ރާއްޖޭގެ އިޤްތިޞާދަށް ވަންނަ ފައިސާގެ ތެރެއިން ބައިކުޅަ ބައެއް ރާއްޖޭގެ ބޭންކުން މާރުކުރަން ޖެހޭގޮތަށް އެކަށައެޅުއްވީ ރައްޔިތުންގެ ޙައްޤުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އެކަމާ ގުޅޭ ޤާނޫނު ތަޢާރަފުކުރުމުގެ ބިލު، މަރުކަޒީ ބޭންކުގެ ފަރާތުން އެކުލަވާލައްވައި މަޖިލީހަށް ހުށަހަޅުއްވާފައިވާކަމުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި އެ ބިލު ހުށަހަޅުއްވާފައިވަނީ، އެމަނިކުފާނު ކުރިންވެސް ވިދާޅުވިގޮތަށް، ބަދަލެއް ނުގެނެސްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި ރައްޔިތުންގެ މަޖިލީސް، މި ދައުރުގެ ޗުއްޓީއަށް ދިއުމުގެ ކުރިން އެ ބިލު ފާސްކުރައްވާނޭކަމުގެ އުންމީދު ފާޅުކުރައްވައި އެމަނިކުފާނު ވަނީ، އެ ބިލު ފާސްވުމަކީ، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދީ މުއްސަނދިކަން ގެނެސްދޭނޭ ކަމެއްކަން ފާހަގަކުރައްވާފައެވެ.
މިއަދު ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި ބިލުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނޭ މުޢާމަލާތްތައް ކަނޑައަޅައި، ބޭރު ފައިސާ ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ދިވެހިރާއްޖެއިން ބޭރުކުރުމާއި، ބޭރު ފައިސާ ދިވެހިރާއްޖޭގައި ގެންގުޅުމާއި، ޖަމާކުރުމާއި، މާރުކުރުމާބެހޭ އުޞޫލުތަކާއި، އެނޫންވެސް ބޭރު ފައިސާ އާއި ބޭރު ފައިސާއާ ބެހޭ މުޢާމަލާތްތަކާ ގުޅޭ ހަމަތަކާއި އުޞޫލުތައް، ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަނޑައަޅައި ހިންގުމެވެ.



