”ކާނި ހޮޓެލްސް“ ގެ ނަމުގައި ކ. މާފުށިގައި ހިންގަމުން ގެންދާ 4 ގެސްޓް ހައުސް ވިޔަފާރިން ގަސްދުގައި ޓެކުހަށް މަކަރު ހެދި ކަމަށް ތުހުމަތު ކުރެވޭތީ، ޖިނާއީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގުކޮށް، ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހުށަހަޅައިފި އެވެ.
މިކަމާ ގުޅޭގޮތުން މީރާއިން ބުނީ އެ އޮތޯރިޓީން ޕީޖީ އޮފީހަށް ހުށަހަޅާފައިވާ މައްސަލައަކީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޓެކްސް ނެގޭ މުއްދަތުތަކަށް ކާނި ހޮޓެލްސް ނަމުގައި ހިންގަމުން ގެންދިޔަ ގެސްޓް ހައުސްތަކުން ދޮގު މައުލޫމާތު މީރާއަށް ހުށަހަޅާފައިވާތީ ހުށަހަޅާ މައްސަލައެއް ކަމަށެވެ.
އެގޮތުން އެ މައްސަލަ ތަހުގީގު ކުރަން ފެށީ ކާނި ހޮޓެލްްސްއިން ހިންގަމުން ގެންދާ ”ކާނި ޕާމް ބީޗް’، ”ކާނި ގްރޭންޑް ސީވިއު“، ”ކާނި ވިލެޖް“ އަދި ”ކާނި ބީޗް“ ގެސްޓް ހައުސްތަކުން މީރާއަށް ހުށަހަޅައިފައިވާ ގްރީން ޓެކްސް، ޖީއެސްޓީ، ބީޕީޓީ އަދި އިންކަމް ޓެކްސް ބަޔާންތަކުގައި ދޮގު މައުލޫމާތު ހިމަނާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ވެސް މީރާއިން ބުނެފައިވެއެވެ. އަދި އެކަން ކޮށްފައިވަނީ ގަސްދުގައި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ނިޔަތުގައި ކަމަށް ބެލެވޭތީ ކަމަށް ވެސް މީރާއިން ބުނެފައިވެއެވެ.
މީރާއިން ބުނިގޮތުގައި ކާނި ހޮޓެލްސްއާ ގުޅޭ ވިޔަފާރިން މީރާއަށް ހުށަހަޅައިފައިވާ ޓެކްސް ބަޔާންތަކުގައި އެ ވިޔަފާރިއަށް އަންނަ އެންމެހައި ގެސްޓުންގެ މައުލޫމާތު ހިމަނައިފައެއްނުވެ އެވެ. އެގޮތުން، ބޭރުގެ ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް އަދި ފްރީ އިންޑިޕެންޑެންޓް ޓްރެވެލާސް (އެފްއައިޓީ)ގެ ގޮތުގައި އަންނަ ގެސްޓުންގެ މައުލޫމާތާއި އާމްދަނީ ރިޕޯޓުކޮށްފައި ނުވާކަން ތަހުގީގުގައި ހޯދިހޯދުންތަކުން ފާހަގަކުރެވުނު ކަމަށް ވެސް ބުނެފައިވެއެވެ.



